އުމުރުން ދުވަސްވީ މީހުން ބެލެހެއްޓުމަށް ހާއްސަކޮށްގެން ޖަޕާނުން ރޮބޮޓްތަކެއް އުފައްދައިފިއެވެ.
ޖަޕާނުގެ އާބާދީގެ 20 އިންސައްތަ ހިއްސާ ކުރަނީ 65 އަހަރުން މަތީގެ މުސްކުޅިންނެވެ. އަދި މި އިންސައްތަ 2050 ވަނަ އަހަރު ދެގުނައަށް އިތުރުވެގެން ދާނެ ކަމަށް “ޕިއު ރިސާރޗް ސެންޓަރުން ލަފާކުރެއެވެ.
އުމުރުން ދުވަސްވީ ބަލި މީހުން ބަލަހައްޓާނެ މީހުން މަދުވުމުންނާއި އަންނަން އޮތް ޖީލުގައި އެކަމުގެ ސަބަބުން ދިމާވެދާނެ މައްސަލަތަކަށް ހައްލެއް ހޯދުމަށް ޖަޕާނުގެ ކުންފުނިތަކުން އަންނަނީ “ކެއަރބޮޓްސް” އުފައްދަމުންނެވެ.
“ކެއަރބޮޓްސް” އަކީ އުމުރުން ދުވަސްވީ މީހުންގެ ކަންތައްތައް ބަލަހައްޓާ އެމީހުންގެ އާންމު ދިރިއުޅުމުގައި ހުންނަ ޒަރޫރީ ބޭނުންތައް ފުއްދައިދޭނެހެން ޑިޒައިންކޮށްފައިވާ ރޮބޮޓްތަކެކެވެ.
އެސިމޯ ރޮބޮޓް
ހޮންޑާ ކުންފުނީގެ “އެސިމޯ ރޮބޮޓް” އަކީ މީހުންނަށް ކާންދިނުން އަދި ކޮޓަރީގެ ލައިޓު ނިއްވުން ފަދަ ކަންކަށް ޑިޒައިންކުރެވިފައިވާ ރޮބޮޓެކެވެ.
ޖަޕާނުގެ ހިއުމަނޮއިޑް ރޮބޮޓްސްގެ ސީނިއަރ ޗީފް އިންޖިނިއަރ ވިދާޅުވީ އެސިމޯ ރޮބޮޓަކީ ސޮސައިޓީތަކުގައި ހާއްސަ ބެލުމުގެ ދަށުން ދިރިއުޅޭ މުސްކުޅިންނަށް ހާއްސަކޮށް ހަދާފައިވާ ރޮބޮޓެއް ކަމަށެވެ.
ދަ ސްޓޭންޑާރޑް
ދަ ސްޓޭންޑަރޑް ރޮބޮޓަކީ އިންސާނުންނެކޭ އެއްފަދަޔަށް މުހާތަބު ކުރުމުގެ ގާބިލްކަން ހިމަނާފައިވާ ރޮބޮޓެކެވެ. ދަސްޓޭންޑަރޑް ރޮބޮޓްގެ ދަށުން 3 ބާވަތެއްގެ ރޮބޮޓެއް ވަނީ އުފައްދާފައިއެވެ. އެއީ އެސިސްޓެންޓް ރޮބޮޓާއި މޯބައިލް ސާރވިސް ރޮބޮޓް އަދި ޕާސަން ކެރިއާ ރޮބޮޓެެވެ. މި ރޮބޮޓްތައް ޑިޒައިން ކުރެވިފައިވަނީ އެކި ބޭނުންތަކަށެވެ.
ޕެނެސޮނިކް ރެސިއޮން
ޕެނެސޮނިކްގެ ރެސިއުން ރޮބޮޓަކީ އެނދެއްގެ ސިފައިގައި ނަމަވެސް ފުރޮޅުލީ ގޮނޑިއަކަށް ބަދަލުވެވޭ ގޮތަށް ޑިޒައިން ކޮށްފައިވާ ރޮބޮޓެކެވެ. މި ރޮޮބޮޓްގެ ސަބަބުން އެނދުގައި އޮވެފައި ގޮނޑީގައި އިށީނުމަގައި އެތައް ވޭނެއް ތަހައްމަލުކުރާ ފަރާތްތަކަށް ވަރަށް ބޮޑު ފަސޭހަޔަކަށް ވެގެންދާނެ ކަމަށް އެ ކުންފުނިން ގަބޫލުކުރެއެވެ.
2015 ވަނަ އަހަރުން ފެށިގެން 2018 އަހަރަށް 12400 ޔުނިޓަށް މި ރޮބޮޓްތަކުގެ ސޭލްސް އަރާނެ ކަމަށާއި އެ އަދަދު ކުރިޔަށް އޮތް 20 އަހަރު ތެރޭގައި މައްޗަށް ދާނެކަމަށް ރިޕޯރޓްތަކުން ދައްކައެވެ.