އަންނަ އަހަރު ރާއްޖޭގައި މުޅިން އަލަށް ފަށަން ހަމަޖެހިފައިވާ ޤައުމީ އާ މަންހަޖަށް ޓީޗަރުން ތަމްރީން ކުރުމަށް ކުރިއަށް ގެންދިޔަ ޕްރޮގުރާމްގެ ދަށުން ހދ އަތޮޅުން ކީ ސްޓޭޖް 2 ގެ 213 ޓީޗަރުން ތަމްރީން ކޮށްފި އެވެ.
ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައިވެސް ގުރޭޑް 4 ، 5 އަދި 6 ގައި (ކީ ސްޓޭޖް 2) ކިޔަވައިދެމުންދާ ޓީޗަރުން ހާއްސަކޮށްގެން ކުރިޔަށް ގެންދިޔަ ތަމްރީން ޕްރޮގުރާމް ހދ އަތޮޅުގައި ފެށީ މިދިޔަ މަހު 28 ވަނަ ދުވަހު ހދ އަތޮޅު ތައުލީމީ މަރުކަޒުގަ އެވެ. މި ތަމްރީން ޕްރޮގުރާމްގެ އެންމެ ފަހު ބައި ކުރިއަށް ގެންދިޔައީ ވައިކަރަދޫ ، އަތޮޅު މަދަރުސާގަ އެވެ.
ވޯކްޝޮޕްގެ ބައެއް ބައިވެރިންނާ ހދ އަތޮޅު ސްކޫލުގެ ބައެއް އިސްވެރިން–ފޮޓޯ: ވާހިދު
މިދިޔަ ބުދަ ދުވަހު މި ރަސްމިއްޔާތު ނިންމައި ބައިވެރިންނަށް ސެޓްފިކެޓް ހަވާލުކޮށްދެއްވީ ހދ އަތޮޅު މަދަރުސާގެ ޕްރިންސިޕަލް ހިލްމީ އެވެ.
އެ ބައްދަލުވުމުން ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ހދ އަތޮޅު މަދަރުސާގެ ޕްރިންސިޕަލް ހިލްމީ ވިދާޅުވީ ދަރިވަރުންނަކީ ނިއުމަތެއް ކަމަށާއި ނިއުމަތްތަކަށް އިހްތިރާމްކުރަން ޖެހޭ ކަމަށެވެ. ދަރިވަރުން ތަރުބިއްޔަތު ކުރުމުގެ އެންމެ ބޮޑު އެއް މަސްއޫލިއްޔަތެއް އުފުލާބަޔަކީ ޓީޗަރުން ކަމަށްވާއިރު އެ ނިއުމަތަށް ސަމާލުކަން ނުދީފި ނަމަ އެނިއުމަތަށް ބަދަލުވެގެން މިދަނީ ހަލާކަކަށް ނުވަތަ މުސީބާތަކަށް ކަމަށް ހިލްމީ ވިދާޅުވި އެވެ. ޓީޗަރުންނަކީ ދަރިން ތަރުބިއްޔަތު ކުރުމުގެ ވަރަށް މުހިއްމު ރޯލެއް ކުޅޭ ބައެއް ކަމަށާއި ދަރިން ތަރުބިއްޔަތާ ދޭތެރޭ އަޅާނުލައި ދޫކޮށްލެވޭކަށް ނެތްކަމަށް ހިލްމީ ވިދާޅުވި އެވެ.
ޖަލްސާގެ ޝަރަފްވެރިމެހެމާން ހދ އަތޮޅު މަދަރުސާގެ ޕްރިންސިޕަލް ހިލްމީ ވާހަކަ ދައްކަވަނީ–ފޮޓޯ: ވާހިދު
ހަރުދަނާ ޖީލެއް ބިނާކުރުމުގެ އެންމެ ބޮޑު އެއް މަސްއޫލިއްޔަތު އަދާކުރާ ބަޔަކީ ޓީޗަރުންކަމަށެވެ.
“އެބަޔަކު ހައްދައި ދަނޑެއްގައި ހެދޭނީ އެބަޔަކު ހެއްދި ކޮލިޓީއެއް އަދި ހެއްދި މިންވަރެއްގެ ގޮވާން. އެދަނޑުގައި ހެއްދި ގޮވާމުގެ ކޮލިޓީ ދަށްވެ އޭގެ ނަފާ ދަށްވެއްޖެ ކަމަށް ވަންޏާ އޭގެ ޒިންމާ އެހެން ބައެއްގެ ބޮލުގައި އެޅުމަކީ ޒިންމާދާރު ދަނޑުވެރިއެއްގެ ކުރާނެ ކަމެއް ނޫން” ހިލްމީ ވިދާޅުވި އެވެ.
މި ވޯކްޝޮޕްގެ ބައެއް ބައިވެރިން–ފޮޓޯ: ވާހިދު
ގާބިލުބަޔަކު ނެތޭ ކިޔަކިޔާ ތިބެވެނެތް ކަމަށާއި އޭގެ ބަދަލުގައި ގާބިލް ބަޔަކު އުއްފަދާ ބަޔަކަށް ޓީޗާރުން ވާން ޖެހޭ ކަމަށް ހިލްމީ ވިދާޅުވި އެވެ. އަދި ޝަކުވާ ކުރުމުގެ ބަދަލުގައި ޓިޗަރުން ވާންވީ ހުސް މަގާމުތައް ދަނެ ތިބެ ކާމިޔާބު ޖީލެއް އުއްފަދާ ބަޔަކަށެވެ.
ކުދިންގެ ކިބައިގަ ވަކި މިސްރާބަކަށް ވަކި މަންޒިލަކަށް ދަތުރުކުރުމުގެ މިސްރާބު ހިފުމުގެ އާދަ ހަރުލެއްވުމަށް ޓީޗަރުންގެ ކިބައިން ހިލްމީ ވަނީ އެދިލެއްވި އެވެ.
ހދ ޓީއާރުސީގެ ކޯޑިނޭޓަރު އަބުދުއްރަޝީދު ސައީދު ވިދާޅުވީ ހުރިހާ ޓީއާރުސީގެ ކޯޑިނޭޓަރުންގެ ވެސް އެންމެ ބޮޑު ކަންބޮޑުވުމަކީ މަންހަޖުގެ މެޓީރިއަލް ނުލިބުމުގެ މައްސަލަކަމަށެވެ.
ހދ އަތޮޅު ސްކޫލުތަކުގެ އިސްވެރިންތަކެއް–ފޮޓޯ: ވާހިދު
ހދ އަތޮޅުގައި ކީ ސްޓޭޖް 2 ގެ 155 ޓީޗަރުން މަސައްކަތް ކުރަންޖެހޭ ކަމަށް މިނިސްޓްރީން ވިދާޅުވެފައިވާ ކަމަށާއި އަންނަ އަހަރު މިނިސްޓްރީ ކަނޑައެޅި ވަރަށް ވުރެ ގިނަ ޓީީޗަރުން ތަމްރިން ކުރެވިފައިވާކަން އަބުދުއްރަޝީދު ފާހަގަކުރެއްވި އެވެ.