ރާއްޖޭގެ މިނިވަންކަމަށް 50 އަހަރު ފުރުމާ ގުޅުވައިގެން ބަންނަ ކަޅުއޮށްފުންމީގެ މަސައްކަތްތައް ނިންމައި ކަނޑުގައި ދުއްވުމުގެ ޓެސްޓްތަކެއް ހެދުމަށް މި މަހު ކުޅުދުއްފުއްޓަށް ގެނައުމަށް ހަމަޖެހިއްޖެ އެެވެ.
ހޯމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަހުމަދު ސަލީމް “ހަވީރަށް” ދީފައިވަ އިންޓަވިއުއެއްގައި ވިދާޅުވެފައިވަނީ ކަޅުއޮށްފުންމީގެ މަސައްކަތްތައް ނިންމައި މި މަހު ބޭލޭވަރުވާނެ ކަމަށާއި ކަޅުއޮށްފުންމި ކަނޑައެޅި ތާރީހަށް ނުނިމުނީ ލަކުޑި ހޯދުމުގައި ދަތިތަކާ ދިމާވުމުން ކަމަށެވެ.
އަދި އެކަހަލަ ދަތިތަކެއް މިހާރު ވެސް އެބަ ހުރި ކަމަށާއި އެގޮތުން ހުންގާނު ހަދަން ބޭނުންވާ ލަކުޑި ހޯދަން ވެސް ވަނީ އުނދަގޫތަކެއް ކުރިމަތިވެފައި ކަމަށް ސަލީމް ވަނީ ވިދާޅުވި އެވެ.
އެއް މިލިއަން ރުފިޔާ ހަރަދުކޮށްގެން ހދ. ނޭކުރެންދޫގައި ބަންނަ ކަޅުއޮށްފުންމިއަކީ ރިޓައިމް އެންޑް އަންޑަ ވޯޓާ ހެރިޓޭޖާ ހަވާލުކޮށްފައިވާ މަސައްކަތެކެވެ.
އޭގެ އިތުރުން ސަލީމް ވިދާޅުވީ ކަޅުއޮށްފުންމީގެ މަސައްކަތުގެ ބޮޑު ބައި ނިމިއްޖެ ކަމަށާއި މިހާރު ކުރަމުން އަންނަނީ ރިޔާ ހެދުމުގެ މަސައްކަތް ކަމަށެވެ.
ރާއްޖެ ހިފައި، 17 އަހަރު ވެރިކަން ހިންގި ޕޯޗުގީޒުންގެ އަތުން މިނިވަންކަން ހޯއްދަވައިދެއްވި އުތީމު ތިން ބެއިން ބޭނުންކުރެއްވި ކަޅުއޮށްފުންމީގެ ސިފަޔަށް ބަންނަ އޮޑި ކަނޑުގެ ޓެސްޓުތަށް ހެދުމަށްފަހު ހއ އުތީމުގައި ފާހަގަ ކުރުމަށް ހަމަޖެހިފައިވާ މިނިވަންދުވަހަށް އެރަށައް ގެންދިއުމަށް ވަނީ ހަމަޖެހިފަ އެވެ. ކަޅުއޮށްފުންމި މާލެ ގެނައުމަށް ހަމަޖެހިފައިވަނީ އެއަށްފަހުއެވެ.
ކަޅުއޮށްފުންމި މާލެ ގެނެސް ބާއްވަން މިހާރު ހަމަޖައްސާފައިވަނީ ގައުމީ ދާރުލްއާސާރުގެ ބޭރު ގޯތި ތެރޭގަ އެވެ. ހޯމް މިނިސްޓްރީން ކުރިން ނިންމާފައި އޮތީ ސަލްޓަން ޕާކް ތެރޭގައި އެ ދޯނި ބާއްވާށެވެ.