އެކިއެކި ކުންފުނިތަކުން ހިންގާ ޕްރޮމޯޝަންތަކާ މިނިވަން ފަންސާހުގެ ޕްރޮމޯޝަންގެ ނަމުގައި ނުދަންނަ ނަމްބަރުތަކުން ގުޅައި އޮޅުވާލައިގެން މަކަރާ ހީލަތުން ފައިސާ ހޯދުން އިތުރުވަމުންދާތީ ރައްޔިތުން މިކަމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ފުލުހުން އިލްތިމާސްކޮށްފިއެވެ.
ފުލުހުން ބުނީ މިފަދަ މައްސަލަތައް ދުވަހުން ދުވަހަށް ދަނީ އިތުރު ވަމުން ކަމަށާއި މަކަރާ ހީލަތުން ފައިސާ ހޯދައި، ރީލޯޑް ކުރުމާއި ރާސްޓަސް އެޅުމުގެ އިތުރުން ބޭންކް ޑެބިޓް ނުވަތަ ކްރެޑިޓް ކާރޑުގެ މަޢުލޫމާތު ހޯދައިގެން ފައިސާ ހޯދާއިން ބޮޑެތި ގެއްލުންތައް ލިބިގެން މައްސަލަށް ހުށައެޅެމުން އަދިވެސް ދާކަމަށެވެ.
މިފަދަ ކަންކަމަކީ ރައްޔިތުންގެ ހޭލުންތެރިވެ ފާރަވެރިކަން ހުރެއްޖެނަމަ ހުއްޓުވޭނެ މައްސަލަތަކެއް ކަމަށް ފުލުހުން ބުނެއެވެ.
އެގޮތުން ކްރެޑިޓް ކާޑާއި ޑެބިޓް ކާޑުގެ އެއްވެސް ނަމްބަރެއް، އިތުބާރާ ޔަގީންކަން ނެތް ފަރާތަކަށް ނުދިނުމަށާއި ކާކުކަން ކަށަވަރުނުވާ އެއްވެސް މީހަކަށް ރީލޯޑްކޮށްދީ ރާސްޓަސް ފޮނުވައިނުދިނުމުން މިކަންކަން ކުރާފަރާތްތަކުގެ މަސައްކަތް ހުއްޓުވާލެވޭނެ ކަމަށް ފުލުހުން ބުނެއެވެ.
މިފަދަ ކަންކަން ތަކުރާރުވަމުން ދާތީ ރައްޔިތުންގެ ސަމާލުކަން އިތުރު ކުރުމަށް މީގެ ކުރިންވެސް ފުލުހުންވަނީ ނަސޭހަތްތެރިވެ ހޭލުންތެރި ކުރުވުމުގެ މަސައްކަތް ފަށާފައެވެ.
މިފަދަ މަކަރާހީލަތުން ގުޅައި މީހުން އާންމުގޮތެއްގައި އޮޅުވައިލުމަށް ބޭނުން ކުރަނީ ދިވެހި ރާއްޖޭގެ ބޮޑެތި ކުންފުނިތަކާއި ވިޔަފާރި ނުވަތަ ޖަމިއްޔާ ތަކުގެ ނަންނަމެވެ.