ކުޅުދުއްފުށީގައި އެއާޕޯޓެއް ތަރައްގީކުރުމަށް ޕަބުލިކް ޕްރައިވެޓް ޕާޓްނާޝިޕްގެ ދަށުން އިންޑިޔާގެ އެމްއެމް އެކްސްޕޯޓް ކުންފުންޏާއި ހަވާލުކުރުމަށް ނިންމަވާފައިވާ ކަމަށް ޓޫރިޒަމް މިނިސްޓަރު އަދި އިކޮނޮމިކް ކައުންސިލްގެ މެމްބަރު މޫސާ ޒަމީރު ވިދާޅުވެއްޖެ އެވެ.
ޕީއެސްއެމްއަށް ދެއްވި އިންޓަވިއުގެ މިނިސްޓަރ ވިދާޅުވީ ކުޅުދުއްފުށީގައި އެއާޕޯޓެއް ތަރައްގީކުރުމަކީ ރައީސް ޔާމީންގެ ވަޢުދެއްކަމަށާއި އެ ވައުދު ރައީސް ޔާމީންގެ 5 އަހަރު ނިމުމުގެ ކުރިން ފުއްދަވައިދެއްވާނެކަމުގައެވެ.
އެގޮތުން ކުޅުދުއްފުށީގައި އެއާޕޯޓް ތަރައްގީކުރުމަށްޓަކާ ސިވިލް އޭވިއޭޝަނާއި ރީޖަނަލް އެއަރޕޯޓްސްއާއި ގުޅިގެން އެއާޕޯޓް އެޅޭނެ އެންމެ ރަނގަޅު ގޮތް ބަލާ ކޮމިއުނިޓީ ކޮންސަލްޓޭޝަން ހަދަމުންދާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
އަދި މި މަޝްރޫއު ހަވާލުކުރުމަށް ހަމަޖެހިފައިވާ އިންޑިއާގެ އެމްއެމް އެކްސްޕޯޓް ކުންފުންޏާއެކު ސޮއިކުރަންޖެހޭ ލިޔެކިޔުންތަކުގައި ސޮއިކުރުމުގެ މަސައްކަތް ކުރިއަށްދާކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.
މީގެ އިތުރުން ކޮންޓްރެކްޓަރާއި އެކު ސައިޓް ވިޒިޓެއްކޮށް ކޮމިއުނިޓީ ކޮންސަލްޓޭޝަނާއެކު ލިބޭ ފީޑްބެކަށް ބަލާ މަސައްކަތްތައް ފައްޓަވާނެކަމަށްވެސް ޓުއަރިޒަމް މިނިސްޓަރ ވިދާޅުވިއެވެ. އަދި އެއާޕޯޓް ތަރައްގީކުރުމުގެ ކުރިން ހަނދަންޖެހޭ އެންވަޔަރަމެންޓް އިމްޕެކްޓް އެސެސްމެންޓް ހެދުމުގެ މަސައްކަތާއި މިކަމާއި ގުޅުން ހުރި އިތުރު މިނިސްޓްރީތަކާއިއެކު ވާހަދައްކަވާ ވީ އެންމެ އަވަހަކަށް މަސައްކަތްތައް ފެއްޓެވޭތޯ ބައްލަވަމުން ގެންދަވާކަމަށްވެސް މިނިސްޓަރ ވިދާޅުވެފައިވެ އެވެ.