twitterviber whatsapp telegramfacebookyoutube instagram
20th May 2024

މާލެ ސަރަހައްދަށް ބްރިޖް މުހިއްމުވާ އުޞޫލުން ކުޅުދުއްފުށީ ރައްޔިތުންނަށް އެއާޕޯޓު މުހިއްމު

Nov 25, 2015

ކުޅުދުއްފުށީގެ އެއާޕޯޓްގެ ވާހަކަ އަކީ މުޅި ރާއްޖޭގައިވެސް މިހާރު އެންމެ ގަަދައަށް ދެކެވޭ އެއް ވާހަކަ އެވެ. ނަމަވެސް 11 އޯގަސްޓް 2013 ގެ ކުރިން މިއީ ކުޅުދުއްފުށީގެ ރައްޔިތަކުވެސް ނުވަތަ ރާއްޖޭގެ އެހެން ރައްޔިތަކުވެސް ޚިޔާލަށްވެސް ގެނައި ކަމެއް ނޫނެވެ. ރައީސް ޔާމީން ރިޔާސީ ކެމްޕެއިންގެ ޖޯޝުގައި ޖެހިވަޑައިގެން، އެ މަނިކުފާނު ހުވާ ކުރައްވާތާ 2 އަހަރުގެ ދުވަހުގެ ތެރޭގައި ކުޅުދުއްފުށީގައި އެއަރޕޯޓެއް އަޅާ ދިނުމަށް ވަނީ ވައުދުވެ ވަޑައިގެންފަ އެވެ.

މި ސަރުކާރަށް ކުޅުދުއްފުށީ ރައްޔިތުން އެންމެ ގިނައިން ވޯޓުދިން ސަބަބަކަށް އެއާޕޯޓްގެ ވައުދު ވާނެ ކަމީ ޝައްކެތް އޮތް ކަމެއް ނޫނެވެ. މި ހިނގާ ނޮވެންބަރު މަހުގެ 17 ވަނަ ދުވަހަށް މި ވައުދަށް 2 އަހަރު ފުރިފައިވާއިރު، ފާޑުފާޑުގެ ޕްލޭންތައް ހެދުމާއި ސާވޭތައް ކުރުން ފިޔަވައި އިތުރު އެއްވެސް ކަމެއް ކޮށްފައެއް ނުވެއެވެ. އަދި 2016 ވަނަ އަހަރަށް އެކުލަވާލި ބަޖެޓްގައިވެސް ކުޅުދުއްފުށީގެ އެއާޕޯޓް ހިމަނާފައި ނެތުމަކީ ހިތާމަކުރަން ޖެހޭ ކަމެކެވެ. ޕީޕީޕީގެ ދަށުން ހަދާނަމޭ ބުނިކަމުގައި ވީނަމަވެސް އެއްވެސް ކަހަލަ ހަޤީޤީ ކުލައެއް ނުޖެހޭނަމަ މިކަމާ ދެކޮޅަށް ނުކުތުމަކީ ކުރަން ޖެހިފައި އޮތް ކަމެކެވެ.

ދަތުރުފަތުރު ކުރުމުގައި މި ސަރަހައްދުގެ ރައްޔިތުން ދަނީ ގިނަ އުދަނގޫތަކެއް ތަހައްމަލު ކުރަމުންނެވެ. ކިތަންމެ ކައިރީގައި ހަނިމާދޫ އެއަރޕޯޓް އޮތް ކަމުގައިވިޔަސް ނުވަތަ ކުޅުދުއްފުއްޓާއި މާލެއާ ދެމެދު ދަތުރުކުރާ ފެރީ ބޯޓްތައް ހުއްޓަސް ރަށުގައި އެއަރޕޯޓެއް އޮތުމުން ލިބިގެންދާނެ ފަސޭހައެއް ލިބިގެނެއް ނުދާނެ އެވެ. ހަމަ ޔަޤީނުންވެސް މި ސަރަހައްދުގެ ރައްޔިތުން ކޮންމެ ދުވަހަކު ކުޅުދުއްފުއްޓަށް ޖަމާވަމުންދާއިރު ކުޅުދުއްފުށިން މާލެ  ދެވެން ހުރުމަކީ މި ސަރަހައްދުގެ ރައްޔިތުންނަށްވެސް ލިބިގެންދާނެ ނުހަނު ބޮޑު ލުއިފަސޭހައެއް ކަން ޔަޤީނެވެ.

ހަނިމާދޫއަށް 25 މިނެޓުން ދެވޭކަން އެނގިވަޑައިގެންހުރެ އެއާޕޯޓްގެ ވައުދުވީ ކީއްކުރަންތޯ އެވެ؟ ހަނިމާދޫއަށް ދަތުރެއް ކޮށްލުމަކީ ހުޅުލެއަށް 10 މިނެޓްގެ ފެރީގައި ދަތުރެއް ކޮށްލުންހާ އުދަނގޫކަމެއް ކަމުގައި ހީފުޅުވެ ވަޑައިގަތީ ކަމަށް ކަމުގައިވާނަމަ ތި ހީކުރެވުނީ ރަނގަޅަށެވެ. ހުޅުލެއަށް 10 ރުފިޔާ ދީފައި 10 މިނެޓުން 10 މިނެޓުން އޮންނަ ފެރީގައި 10 މިނެޓް ހޭދަކޮށްލާފައި ދެވުނަސް ހަނިމާދޫ އަށް ކުރަން ޖެހޭ ދަތުރަކީ 1500 ރުފިޔާ ދީފައި 25 މިނެޓުން ކުރަން ޖެހޭ ދަތުރެއްކަން އެނގިވަޑައި ނުގަންނަވާތޯ އެވެ؟

އެއަރޕޯޓް ނޭޅިގެން ކުޅުދުއްފުށީ ރައްޔިތުން އަދި ތެޅެން ނުޖެހޭކަމަށް ބުނަމުންދާއިރު ތިން މިނެޓްގެ ދަތުރެއް ކޮށްލާފައި ދެވޭ ހުޅުލެއާ ދޭތެރޭ ބުރިޖް ނޭޅިގެން ތެޅެން ޖެހޭކަމަށް ޤަބޫލެއް ނުކުރެވެ އެވެ. ބުރިޖުގެ ވައުދު ފުއްދުމަށް ގޫގްލް ސްޕީޑްގައި މަސައްކަތް ކުރާހެން ކުޅުދުއްފުށީގެ އެއަރޕޯޓްގެ ވައުދު ފުއްދުމަށްވެސް ހަމަ އެގޮތަށް މަސައްކަތް ކުރެވެން ޖެހޭނެ އެވެ. ވެރިކަމަކީ ހަމައެކަނި މާލޭގެ ސަރަހައްދަށް އޮތް އެއްޗަކަށް ހަދައިގެން ނުވާނެ އެވެ.

ކުޅުދުއްފުށީގެ އެއާޕޯޓަކީ ދެކޮޅު ނުޖެހޭ އަދި ހަރަދު ފޫނުބެއްދޭނެ ވައުދެއް ކަމުގައި ބުނަމުންދާއިރު މި ސަރަހައްދުގައި އަޅަން ވައުދުވި 5 ރިސޯޓް އެޅުންނަމަ މިއީ ހަރަދު ފޫބެއްދޭނެ ފަދަ ޕްރޮޖެކްޓަކަށް ވާނެކަން ޔަޤީނެވެ. ނަމަވެސް ސަރުކާރުން ވައުދުވަނީ ހަމައެކަނި ވޯޓް ހޯދަން ކަމުގައިވާނަަމަ އެއްވެސް ކަމަކީ ފޫބެއްދޭ ފަދަ ކަމަކަށް ނުވާނެ އެވެ.

ވިސްނާލަން ޖެހޭ ނުކުތާއަކީ އެއަރޕޯޓެއް އަޅައިދޭން އެދުމަކީ ކުޅުދުއްފުށީ ރައްޔިތުން މައުމޫންގެ 30 އަހަރުގެ ވެރިކަމުގައިވެސް އެދުނު ކަމެއް ނޫނެވެ. އަދި އެ ވެރިކަމަށްފަހު އައި ނަޝީދުގެ ވެރިކަމުގައިވެސް ނުވަތަ ވަހީދުގެ ވެރިކަމުގައިވެސް އެދުނު ކަމެއްވެސް ނޫނެވެ. އެކަމަކީ ރައީސް ޔާމީން އަމިއްލަފުޅަށް ކުޅުދުއްފުށީގެ އަދި ހދ އަތޮޅުގެ ރައްޔިތުންނަށް ދޭން ވައުދުވެ ވަޑައިގެންނެވި ކަމެކެވެ. އެހެންކަމުން އެއަރޕޯޓްގެ ވައުދު ފުއްދައިދިނުމަކީ ރައީސް ޔާމީން ކޮންމެހެން ކުރަން ޖެހޭނެ ކަމެކެވެ. އަދި މި ވައުދު ހަޤީޤަތަކަށް ހެދުމަށް މަސައްކަތް ކުރުމަކީ ކުޅުދުއްފުށީ ރައްޔިތުންގެ ހައްޤެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355