އިހަވަންދިއްޕޮޅު މަޝްރޫއު ނުވަތަ އައިހެވަން މަޝްރޫއު ސައުދީ އިންވެސްޓްމަންޓް ފަންޑުން ނަގާނެ ކަމުގެ ވަރަށް ބޮޑު އުންމީދެއް އެބައޮތް ކަމަށް އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.
އައިހެވަންގެ މަޝްރޫއާ ގުޅޭގޮތުން ސައޫދީސަރުކާރާއެކު ކުރައްވަންޖެހޭއެންމެ ފަހުގެ މަޝްވަރާތަކަށް ފުރާވަޑައިގަތުމުގެ ކުރިން އިބްރާހިމް ނާސިރު އިންޓަރނޭޝަނަލް އެއަރޕޯޓްގައި ވާހަކަ ދައްކަވަމުން މިނސްޓަރ ސައީދު ވިދާޅުވީ އައިހެވަން މަޝްރޫއަކީ އިންވެސްޓްމެންޓްތަކުން ރާއްޖެއަށް އުޖާލައި މުސްތަގްބަލެއް ދައްކުވައިދޭ ހެއްކެއް ކަމަށެވެ.
އަދި ދެ އަހަރުގެތެރޭގައި އައިހެވަން މަޝްރޫއު ފެށުމާއި ގާތަށް އައުމަކީ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށާއި، މި ދަތުރުފުޅުގައި އައިހެވަން މަޝްރޫއާ ގުޅޭ މުހިންމު މަޝްވަރާތައް ކުރިއަށް ގެންދަވާނެކަމަށް ސައީދު ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ސައުދީއަރަބިޔާގައި ކުރިއަށްދާ މަޝްވަރާގައި އައިހެވަންގެ ފީޒިބިލިޓީ ސްޓަޑީޒް ހެދި އެމެރިކާގެ ބޮސްޓަން ކޮންސަލްޓިން ގްރޫޕް (ބީސީޖީ) ވެސް ބައިވެރިވާނެ ކަމަށެވެ.
އިހަވަންދިއްޕޮޅުގައި ތަރައްގީ ކުރުމަށް ސަރުކާރުން އިއުލާންކޮށްފައިވާ އައިހެވަން މަޝްރޫއަށް ސަޢުދީއަރަބިޔާގެ އިންވެސްޓްމަންޓްތައް ހޯދުމަށް ރޭ ސައުދީއަރަބިޔާއަށް ވަޑައިގަތީ ފިޝަރީޒްމިނިސްޓަރުއަދި އިކޮނޮމިކް ކައުންސިލްގެ ކޯ ޗެއާ ޑރ. މުހައްމަދު ޝައިނީއާއި އިކޮނޮމިކް މިނިސްޓަރ އަދި އެސްއީޒެޑް ގެ ޗެއަރ މުޙައްމަދު ސައީދެވެ.