މާލޭ ވޯޓާ އެންޑް ސެވަރޭޖް ކޮމްޕެނީ އިން ފަށާފައިވާ އެޕްރެންޓިސްޝިޕް ޕްރޮގްރާމުން ފާސްވާ ދަރިވަރުންނަށް އެ ކުންފުނިން ދާއިމީ ވަޒީފާ ދޭ ގޮތަށް ނިއްމައިފިއެވެ.
އެގޮތުން އެ ކުންފުނީގެ އެޕްރެންޓިސްޝިޕް ޕްރޮގްރާމަށް ހޮވުނު ދަރިވަރުންނަށް ވަނީ އިއްޔެ ސެޓްފިކެޓް ހަވާލުކޮށްފަ އެވެ.
ސާނަވީ ތައުލީމް ފުރިހަމަ ނުކުރާ އަދި އެ އިމްތިހާނުން ދަށް ނަތީޖާ ލިބިފައިވާ ފަރާތް ތަކަށް ވަޒީފާ ދިނުމަށް ހަމަޖެހިފައިވާ އެމްޑަބްލިޔުއެސްސީގެ އެޕްރެންޓިސްޝިޕް ޕްރޮގްރާމަށް ކުރިމަތިލާން މިދިޔަ ސެޕްޓެމްބަރު ހުޅުވާލި ފުރުސަތުގައި ހޮވިފައިވަނީ 18 އަހަރާއި 35 އަހަރާ ދެމެދުގެ 15 ދަރިވަރުންނެވެ.
ސެޓްފިކެޓް ދިނުމަށް ބޭއްވި ރަސްމިއްޔަތުގައި އެކުންފުނީގެ މެނޭޖިން ޑިރެކްޓަރ ވިދާޅުވެފައިވަނީ އެމްޑަބްލިއުއެސްސީގެ މި ޕްރޮގުރާމްގެ ސަބަބުން ސާނަވީ ތައުލީމުން ދަށް ނަތީޖާތައް ލިބިފައިވާ ދަރިވަރުންނަށް ވަޒީފާ ފުރުސަތު ތަނަވަސްވެގެން ދާނެ ކަަމަށާއި މި ޕްރޮގްރާމަަކީ ކުިރއަށް އޮތްތަނުގައި ތަފާތު އެކި ދާއިރާތަކުން ކުދިން ތަމްރީން ކުރުމަށް އެޅިގެންދާ ބިންގަލެއް ކަމަށެވެ.
ހަ މަސް ދުވަހުގެ މުއްދަތަށް ކުރިއަށް ދާ މި ޕްރޮގްރާމުގެ މަގުސަދަކީީ ޒުވާނުން ވަޒީފާއަށް އަހުލުވެރިކުރުވުމަށާއި މުޖުތަމަައަށް ފައިދާ ހުރި ގާބިލް ޒުވާނުން ބިނާކުރުން ކަަމަށާއި ވަޒީފާގެ ފުރުސަތު ނުލިބި ތިބި ޒުވާނުންނަށް އެ ފުރުސަތު ތަނަވަސްކޮށްދިނުމުގެ އިތުރުން، މި ޕްރޮގްރާމްގެ ދަށުން މުޖުތަމައުގައި ބޭނުން ހިފޭ ޒުވާން މަސައްކަތްތެރިން ތަމްރީން ކުރެވިގެންދާނެ ކަމަށް އެމްޑަބްލިއުއެސްސީ މައުލޫމާތު ދެއެވެ.
އެޕްރެންޓިސް އިން މި ޕްރޮގްރާންގައި މަސައްކަތް ކުރަން ހަމަޖެހިފައިވަނީ އެމްޑަބްލިޔުއެސްސީ ކަސްޓަމާ ސާވިސް ޑިވިޝަންގެ އެކި ޑިޕާޓްމަންޓްތަކުގަ އެވެ.