ރާއްޖޭގެ ދެކުނަށް އަންނަ ތަރައްޤީ ރާއްޖޭގެ އުތުރަށްވެސް އަންނަ ޖެހޭ ކަމަށާއި އުތުރުވެސް ތަރައްޤީ ވާން ޖެހޭ ކަމަށް ހއ އަތޮޅު ކައުންސިލްގެ ރައީސް މުހައްމަދު ރަޝީދު ވިދާޅުވެއްޖެ އެވެ.
ހއ އަތޮޅު ކައުންސިލުން އިންތިޒާމުކޮށްގެން ރޭ ދިއްދޫ ސްކޫލުގައި ބޭއްވި “ތިލައުތުރު އުއްތަމަ އަރުތަވެރިންނަށް އެވޯޑު” ދިނުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މުހައްމަދު ރަޝީދު ވިދާޅުވީ އުތުރުގެ ރަށްރަށުގެ މަގުތަކުގައި ތާރު އަޅަން ޖެހޭ ކަމަށާއި އުތުރުގެ ރަށްރަށުގައި ނަރުދަމާވެސް އެޅެން ޖެހޭ ކަމަށެވެ.
” އަޅުގަނޑުމެން ބޭނުންވޭ ދެކުނަ އަންނަ ތަރައްޤީ އުތުރަށް އަންނަން. އުތުރުވެސް ތަރައްޤީ ވާން ޖެހޭ. އުތުރުގެ ރަށްތަކުގެ މަގުތަކުގައި ތާރުވެސް އެޅެންޖެހޭ. އުތުރުގެ ރަށްރަށުގެ ނަރުދަމާވެސް އެޅެންޖެހޭ. ބޮޑެތި ބިޔަ ޕްރޮޖެކްޓްތައް މިއަތޮޅަށް ގެންނަން އަޅުގަނޑުމެން ބޭނުން. އައިހެވަން ޕްރޮޖެކްޓަކީ ވެސް އަޅުގަނޑުމެން ނިހާޔަތަށް ބޭނުންވާ ކަމެއް “މުހައްމަދު ރަޝީދު ވިދާޅުވި އެވެ.
ހއ .އަތޮޅަށް ގެންނަ ބޭނުން ކޮންމެ ތަރައްޤީއެއް ކޮންމެ ހިދުމަތެއް ގެނައުމަށްޓަކައި އަތޮޅު ކައުންސިލް އޮތީ ކެތްމަދުވެފައި ކަމަށާއި އަތޮޅުގެ ތަރައްޤީއަށް އަންނަ ކޮންމެ މަޝްރޫއުއަކަށް ހއ އަތޮޅު ކައުންސިލުން ފުރިހަމައަށް އެއްބާރުލުން ލިބޭނެ ކަމަށް މުހައްމަދު ރަޝީދު ވިދާޅުވި އެވެ. އަދި ތަރައްޤީގެ އެއްވެސް މަޝްރޫއުއެއް ހުއްޓުވައި ސަރުކާރަށް ޖެއްސުން ނުކުރާނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
ބައެއް މަދު ކައުންސިލަރުން ނުސިޔާސަ ގޮތްތަކަށް އުޅުނުކަމުގައި ވިޔަސް ޖުމްލަކޮށް މުޅި ރާއްޖެއަށް ބަލާއިރު ގިނަ ކައުންސިލުތަކެއް ގައުމަށްޓަކައި ބުރަ މަސައްކަތްތަކެއް ކުރައްވާކަމަށް އޭނާ ވިދާޅުވި އެވެ.
ހއ އަތޮޅު ކައުންސިލްގެ ރައީސް މުހައްމަދު ރަޝީދު ވިދާޅުވީ އަބަދުވެސް އިވޭ އަޑަކީ ލާމަރުކަޒީ ނިޒާމް ފައްކަލެއް ނޫނޭ ބުނާ ވާހަކަ ކަމަށާއި އެކަން އެހެން ދިމާވަނީ ކައުންސިލްތައް ހިންގުމަށް އިދާރީ ހަރަދެއް އެކަނި ދެތީ ކަމަށެވެ. އަދި ކައުންސިލްތައް ހިންގުމަށް އިދާރީ ހަރަދެއް ދީގެން ކައުންސިލްތަކެއް ނުހިންގޭނެ ކަން އޭނާ ފާހަގަކުރެއްވި އެވެ. ކައުންސިލްތައް ކަމެއް ނުކޮށް އޮންނަތައް ފެންނަނީ އެހެންވީމާ ކަމަށެވެ.
” އަބަދުވެސް އިވޭ ވާހަކަ އަކީ ލާމަރުކަޒީ ނިޒާމް ފައްކަލެއް ނޫނޭ ބުނާ ވާހަކަ. ކައުންސިލަރުންނަކީ މުސާރަ ނަންގަވައިގެން ތިއްބަވާ ބޭފުޅުންނޭ. ނަމަވެސް ކައުންސިލަރުންނަކީ ބުރަ މަސައްކަތްތަކެއް ކުރައްވާ ބޭފުޅުން ތަކެއް. ނުސިޔާސާ ބޭފުޅުން ވެސް އެތިއްބެވި. ގިނަ ކައުންސިލުތަކެއް ދަނީ ގައުމަށްޓަކައި ބުރަ މަސައްކަތްތަކެއް ކުރައްވަމުން. މިނިޒާމަކީ ފައްކާ ނިޒާމެއްކަން ރައްޔިތުންނަށް ފަހުމްކޮށްދޭން މަސައްކަތް ކުރަމުން. އަޅުގަނޑުމެންނަށް އިދާރީ ހިންގުމުގެ ހަރަދެއް ދެއްވައިގެން ކައުންސިލްތައް ހިންގޭކަށް ނެތް. ސަރުކާރުގެ ރާޑަރު އެބަ ބޮޑުވާން ޖެހޭ. ކައުންސިލެއް ކަމެއް ނުކޮށް އޮންނަނީ މިހެންވީމަ.” ހއ އަތޮޅު ކައުންސިލުގެ ރައީސް ވިދާޅުވި އެވެ.
ލާމަރުކާޒީ ގާނޫނާ ތައާރަޒުވާ ގާނޫނުތައް ބަދަލުކުރެންވެން ޖެހޭ ކަމަށާއި ރަނގަޅަށް މަސައްކަތް ކުރާ ކައުންސިލްތައް ސަރުކާރުން ފާހަގަކުރަންޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.