twitterviber whatsapp telegramfacebookyoutube instagram
26th April 2024

ރައީސް ޔާމީން ވެރިކަމަށް ވަޑައިގެންނެވިފަހުން ކުޅުދުއްފުއްޓާއި ހަނިމާދޫގެ މަގު ހެދުން ހުއްޓިފައި

Dec 8, 2015

ކުޅުދުއްފުށީގެ މަގުތައް ރަނގަޅު ފެންވަރަކަށް ހެދުމުގެ މަސައްކަތް ފަށާފައިވަނީ 2010 ވަނަ އަހަރު އޯގަސްޓްމަހުގެ ތެރޭގައި އޭރުގެ ރައީސް މުހައްމަދު ނަޝީދެވެ. އޭރު އޮތީ ގައު އަތުރައިގެން ކުޅުދުއްފުށީގެ މައި މަގުތައް ހަދާގޮތަށެވެ. ރައީސް ވަހީދުގެ ވެރިކަމުގައި ވެސް އަމީނީމަގުގެ ގައު އެތުރުމުގެ މަސައްކަތް ފެށުމަށްފަހު، މަގުގެ ޑިޒައިނަށާއި ގަލުގެ ބަދަލުގައި ތާރުއަޅަން ނިންމިއެވެ. އަމީނީމަގުގައި ތާރު އަޅައި ނިންމީ ރައީސް ވަހީދުގެ ވެރިކަމުގައި އެވެ.

އަމީނީމަގުގެ މަސައްކަތް ނިމުނުތަނާހެން ކުޅުދުއްފުށީ ބަންޑާރަމަގުގެ މަސައްކަތް ފެށުމަށް އިއުލާނުކުރެއްވި އެވެ. އަދި ރައީސް ވަހީދުގެ ވެރިކަމުގައި ހދ. ހަނިމާދޫގެ މަގުތައް ވެސް ރަނގަޅު ފެންވަރަކަށް ހެދުމަށް އިއުލާނު ކޮށްފައި ވެއެވެ. އެހެން ނަމަވެސް އެރަށުގެ އެއްވެސް މަގެއް މިހާތަނަށް ހެދިފައެއް ނުވެ އެވެ. އަދި އަމަލީ މަސައްކަތް ފަށާފައެއްވެސް ނުވެ އެވެ.

ރައީސް ވަހީދަށް ފަހު ރައީސް ޔާމީން ވެރިކަމަށް ވަޑައިގެން ފުރަތަމަ އަހަރުގެ ތެރޭގައި، ރައްޔިތުން މަޖިލީހުގެ އިންތިހާބު ބޯމަތިވެފައިވަނިކޮށް ކުޅުދުއްފުށީ ބަންޑާރަމަގުގެ އަމަލީ މަސައްކަތް ފެއްޓިއެވެ. އެހެން ނަމަވެސް އެމަގުގެ އެއްވެސް މަސައްކަތެއް ކުރިއަކަށް ނުދެ އެވެ.

ކުޅުދުއްފުއްޓަކީ ވިއްސާރަ ދުވަސްވަރެއްނަމަ ފެންބޮޑުވާ ރަށެއް ކަމުން މަގުތައް ޗަކަވެ، ދުއްވާ ތަކެއްޗަށާއި ހިނގާ ބިގާވެ އުޅޭ ފަރާތްތަކަށް ނުހަނު ދަނީ ބޮޑެތި ދަތިތަކާ ކުރިމަތިލާން ޖެހޭ ރަށެކެވެ. އަދި އެކަމުގެ ސަބަބުން ކައުންސިލަށް ވެސް ގިނަ ބަޔަކު ދަނީ ޝަކުވާކުރަމުންނެވެ.

ރައީސް ޔާމީން ވެރިކަމަށް ވަޑައިގަންފަހުން ކުޅުދުއްފުށީ މަގު ހެދުމުގެ އެއްވެސް މަސައްކަތެއް ކުރިއަށްދާތަނެއް ނުފެނެ އެވެ. އަތޮޅުތެރެއިން އައްޑޫ ފިޔަވައި އެންމެ ފުރަތަމަ މަގު ހެދުމުގެ މަސައްކަތް ކުޅުދުއްފުށީގައި ފެށި ނަމަވެސް މިއަދު ވަނީ އެމަސައްކަތް ހުއްޓިފަ އެވެ. އަދި އެކަމާބެހޭ މައުލޫމާތު ސަރުކާރުގެ އެއްވެސް އިދާރާއަކުން ވެސް އަދި އެ މަސައްކަތް ހަވާލުކޮށްފައިވާ މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަނަކުންވެސް ނުލިބެއެވެ.

ރައީސް ޔާމީންގެ ވެރިކަމުގައި އަލަށް މަގު ހަދަން ފަށައި އަދި ނިމުނު ގިނަ ރަށްތަކަކީ ޕީޕީއެމްގެ ޒުފޫޒު ގަދަ މެމްބަރުން ތިބި ރަށްތަކެކެވެ. އެގޮތުން  ތ. ވިލުފުއްޓާއި ކުޑަހުވަދޫ އާއި ހއ ދިއްދޫ އާއި ށ ފުަނަދޫ ފަދަ ރަށްތަކަކީ ސަރުކާރު ހިންގާ ޕާޓީގެ މެމްބަރުންގެ މަސައްކަތް ކަން ޔަގީނެވެ.

ޕީޕީއެމްގައި ހިމެނޭ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން، އެ މެމްބަރުން ނިސްބަތްވާ ދާއިރާގެ ތަރައްޤީއަށް ސަރުކާރާއެކު ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާއިރު، ކުޅުދުއްފުށީ ދެކުނު ދާއިރާ ތަމްސީލުކުރައްވަނީ ވެސް ޕީޕީއެމްގެ މެމްބަރ މުހައްމަދު ނަޝީދެވެ. އެހެންނަމަވެސް، މިއިން އެއްވެސް ކަމެއްގައި މައުލޫމާތު ހޯދަން މި ނޫހުން ތަފާތު އެކިފަހަރުމަތިން ކުރި މަސައްކަތްވެސް ވަނީ ކާމިޔާބުވާގޮތް ނުވެފައެވެ. އެއީ ސީދާ މަޖިލީހުގެ މެމްބަރުންގެ ރަސްމީ މަސައްކަތަށް ނުވިކަމުގައި ވިޔަސް، ދައުލަތުގެ ބަޖެޓުގައި ހިމަނައިގެން ކުރިއަށްގެންދާ މަޝްރޫޢުތަކަށް ވާނުވާ ބެލުމަކީ މަޖިލީހުގެ މެމްބަރުންގެ މަސްއޫލިއްޔަތެކެވެ.

މިއަހަރުވެސް މިއަންނަ އޮތް އަހަރުވެސް ކުޅުދުއްފުށީ މަގު ހެދުމަށް ބަޖެޓް ކަނޑައެޅިފަވީ ނަމަވެސް ކުޅުދުއްފުށީގެ މަގު ހެދުމުގެ މަސައްކަތް ފެށިފަހުން 5 އަހަރުވީއިރު ހަމައެކަނި ތާރު އެޅުނީ އަމީނީމަގުގަ އެކަންޏެވެ.

ކުޅުދުއްފުއްޓާއި ހަނިމާދޫއަށް ވުރެ ފަހުން މަގު ހެދުމަށް އިއުލާންކުރި ބައެއް ރަށްރަށުގެ މަގުތައް ވަނީ ހަދައި ނިމިފައެވެ. ކުޅުދުއްފުއްޓަށްވުރެ އާބާދީމަދު، އަދި ދުއްވާ އެއްޗެހި މަދު، ރަށްރަށުގެ މަސައްކަތް ނިންމާއިރު ކުޅުދުއްފުށީގެ މަގުތަށް ހެދުމުގެ މަޝްރޫއު އޮތް ހިސާބެއް ނޭގެއެވެ.

 

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355