މިނިވަން 50 އަށް ތައްޔާރުކުރި ކަޅުއޮށްފުންމި އިއްޔެ ކުޅުދުއްފުއްޓަށް ގެނެސްފި އެވެ.
ދިގު މިނުގައި 51 ފޫޓު 6 އިންޗި ހުންނަ މި ދޯނި މި ވަގުތު ބާއްވާފައި ވަނީ ކުޅުދުއްފުށީ ސަރަހައްދީ ބަނދަރުގައި އެވެ.
“ކުޅުދުއްފުށީ އޮންލައިނަށް” މައުލޫމާތު ދެމުން ކަޅުއޮށްފުންމި ބަނުމުގެ ކަންކަމާ ހަވާލުވެ ހުންނެވި ކޯޑިނޭޓަރ މުހައްމަދު އަބްދުއްސަމަދު ވިދާޅުވީ ކުޅުދުއްފުއްޓަށް ކަޅުއޮށްފުންމި މި ގެނެސްފައި މިވަނީ ރިޔަލުގައި ދުއްވުމުގެ ޓެސްޓްތަކެއް ހެދުމަށާއި މި ދަތުރުގައި ބައިވެރިވާ ފަޅުވެރިންނަށް ޓްރެއިނިން ދިނުމަށް ކަމަށެވެ.
ސަމަދު ވިދާޅުވީ ކަޅުއޮށްފުންމީގައި 3 ރިޔާ ނަގާނެ ކަމަށާއި އެ ރިޔާތައް އެހެން ރިޔާތަކާ ބަލާއިރު ފުދޭވަރަކަށް ތަފާތުވާނޭ ކަމަށެވެ. އަދި 3 ރިޔަލާއެކު ކަޅުއޮށްފުންމީގެ ސްޕީޑާއި އެޑްޖަސްޓްމެންޓަތަކުގެ މަސައްކަތް ކުޅުދުއްފުށީގައި ކުރިޔަށް ދާނެ ކަމަށެވެ.
މި މަހުގެ 13 ވަނަ ދުވަހު އުތީމުގައި ފާހަގަ ކުރުމަށް ހަމަޖެހިފައިވާ ގައުމީ ދުވަހަށް ކަޅުއޮށްފުންމި ގެންދެވޭނެ ކަމަށާއި ކަޅުއޮށްފުންމި އާންމުންނަށް ދައްކާލުމުގެ މައިގަޑު ހަރަކާތްތައް އޮންނާނީ އެރަށުގައި ކަމަށް ސަމަދު މައުލޫމާތު ދިނެވެ.
ކަޅުއޮށްފުންމި އަކީ، 17 އަހަރު ރާއްޖެ ހިފައި ވެރިކަން ހިންގި ޕޯޗުގީޒުންގެ އަތުން މިނިވަންކަން ހޯއްދަވައިދެއްވުމަށް އުތީމު ތިންބެއިން ކުރެއްވި ޖިހާދުގައި ބޭނުންކުރެއްވި އޮޑިއެވެ. މިނިވަން ފަންސާހުގެ ހަރަކާތްތަކުގެ ތެރޭގައި ހިމެނިގެން މިހާރު ބަނދެފައިވާ “ކަޅުއޮށްފުންމި” އަކީ އުތީމު ތިންބެއިން ބޭނުންކުރެއްވި ކަޅުއޮށްފުންމި އަސްލަކަށް ބަލައިގެން ބަނދެފައިވާ އޮޑިއެކެވެ.