twitterviber whatsapp telegramfacebookyoutube instagram
26th April 2024

މިނިވަން 50 ހާ ގުޅިގެން ތައްޔާރުކުރި ކަޅުއޮށްފުންމި ދައްކާލައިފި

Dec 12, 2015

މިނިވަން 50 ހާ ގުޅިގެން ތައްޔާރުކުރި ކަޅުއޮށްފުންމި ދައްކާލައިފި އެވެ.

ކަޅުއޮށްފުންމި ދައްކާލާފައި ވަނީ ގައުމީ ދުވަސް ފާހަގަ ކުރުމަށް ހއ އުތީމަށް ގެންގޮސްފަ އެވެ. އުތީމުގައި ކަޅުއޮށްފުންމި ގެންދިއުމަށްފަހު އެ އޮޑި އިފްތިތާހު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އޮޑީގެ ހުންގާނު ހޯމް މިނިސްޓަރ އުމަރު ނަސީރާ ވަނީ ހަވާލުކުރައްވާފަ އެވެ.

މި ރަސްމިއްޔާތުގައި ހޯމް މިނިސްޓަރ އުމަރު ނަސީރު ދެއްކެވި ވާހަކަފުޅުގައި މިނިވަން 50 ފާހަގަ ކުރުމަށް ހިންގި ހަރަކާތްތަކުގެ ތެރެއިން އެންމެ ފަހު ހަރަކާތް މި ބޭއްވެނީ ހއ އުތީމުގައި ކަމަށާއި އުތީމަކީ ދިވެހި ތާރީހުގައި މިނިވަންކަމުގެ ތާރީހުގައި ރަންއަކުރުން ލިޔެވިފައިވާ ރަށެއް ކަމަށެވެ.

އުތީމު 3 ބެއިން ކުރެއްވި މަތިވެރި ޖިހާދުގެ އަގު އަބަދުވެސް ވަޒަން ކުރާނެ ކަމަށާއި ދިވެހިންގެ ހިތްތަކުގައި އެ 3 ބެއިންނަށް ހިފެހެއްޓުމެއްނެތް ޝުކުރު ވާނެ ކަމަށް ވެސް އުމަރު ނަސީރު ވިދާޅުވި އެވެ.

ގައުމީ ދުވަސް ފާހަގަ ކުރުމަށް މިއަދު އުތީމުގައި ކުރިއަށް ގެންދިޔަ ހަރަކާތުގައި ހދ ނޮޅިވަރަމް އަދި ހދ ކުޅުދުއްފުށީގެ ސަގާފީ ހަރަކާތްތަކެއް ވަނީ ހުށަހަޅާފަ އެވެ.

ކަޅުއޮށްފުންމީގެ އަސްލަކަށް ބަލައިގެން ތައްޔާރުކުރި މި އޮޑީގެ ދިގުމިނުގައި 51 ފޫޓް 6 އިންޗި ހުރެއެވެ.

20 ނުވަތަ 25 މީހުންނަށް ދަތުުރު ކުރެވޭ މި އޮޑި ބަނދެފައިވަނީ ހދ ނޭކުރަންދޫގަ އެވެ. ކަޅުއޮށްފުންމި އުތީމަށް ގެންގޮސްފައިވަނީ ކަނޑުގައި ދުއްވުމުގެ ޓެސްޓުތަކެއް ހެދުމަށް ކުޅުދުއްފުށީގައި ބޭއްވުމަށް ފަހު އެވެ.

ކަޅުއޮށްފުންމި ބަނުމަށްޓަކައި މައުލޫމާތު އެއްކޮށްފައިވަނީ ހުސެއިން ސޮލާހުއްދީން ލިޔުއްވި ބޮޑުތަކުރުފާނު ވާހަކައާއި ބުރަހަދު މުހައްމަދު ފުޅު ކިޔައިދީފައިވާ ގޮތަށް ލިޔެފައިވާ ފޮތަކުން މައުލޫމާތު ހޯދައި، ރާއްޖޭން ބޭރުން ވެސް އެކަމާބެހޭ ދިރާސާތަކެއް ކޮށްގެނެވެ.

ކަޅުއޮށްފުންމި ކުރިއަށް އޮތް ދެ ދުވަހު އުތީމުގައި ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355