ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި އޮތް ބަލި މީހަކު ހާލު ދެރަވެގެން ކުއްލި ގޮތަކަށް މާލެ ގެންގޮސްފިއެވެ.
ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލުން މައުލޭމާތު ދިން ގޮތުގައި މި މީހާ އަކީ މި މަހުގެ 8 ވަނަ ދުވަހު ސިޒޭރިއަން ހަދާފައިވާ އަންހެނެއް ކަމަށާއި މި އަންހެން މީހާ މާލެ ގެންގޮސްފައިވަނީ ވަނީ ފުއްޕާމޭއަށް ދިމާވި މައްސަލަތަކަކާ ގުޅިގެން ކަމަށެވެ.
މި މީހާއަކީ ކުޅުދުއްފުއްޓަށް ނިސްބަތްވާ މީހެއް ކަމަށާއި އެ މީހާ މާލޭ ފުރުވާލެވިފައިވަނީ މިއަދު މެންދުރުގެ ވަގުތެއްގަ ވަރަށް ކުއްލިގޮތަކަށް ޓީއެމްއޭގެ ސީޕްލޭނެއްގައި ކަމަށް ހޮސްޕިޓަލުން ބުންޏެވެ.
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ މެނޭޖަރ އިބްރާހިމް ވަހީދު ކުޅުދުއްފުށި އޮންލައިނަށް ވިދާޅުވެފައި ގޮތުގައި އެމީހާ ގެންގޮސްފައި ވަނީ އިތުރު ފަރުވާދިނުމަށެވެ. ނަމަވެސް އެމީހާޔާ ބެހޭގޮތުން އެއްވެސް ކަމެއް އާއިލާއިން ހިއްސާކުރަން ބޭނުން ނުވާތީ އިތުރު މައުލޫމާތެއް ވަނީ ލިބޭގޮތް ނުވެފައިއެވެ.