ކުޑަކުދިންގެ ހިޔާގައި ތިބޭ ކުދިން ސަބްމެރިން ދަތުރަކަށް ގެންގޮސް ކަނޑުއަޑީގެ ރީތި މަންޒަރު ދައްކާލައިފި އެވެ.
ސްކޫލް ބަންދު ހަދިޔާއެއްގެ ގޮތުން ދިރާގުން ހަމަޖައްސައިދިން މިދަތުރުގައި ދިރާގާއި ކުޑަކުދިންގެ ހިޔާގެ ބައެއް މުވައްޒަފުންނާއި އިސްވެރިން ވެސް ވަނީ ބައިވެރިވެފައެވެ.
ދިރާގުން ބުނީ ސްކޫލު ބަންދަކީ ކިޔެވުމުގެ ދިގު އަހަރަކަށްފަހު ހުރިހާ ކުޑަކުދިންވެސް، އެކުދިންގެ އާއިލާއާ އެކު މަޖާކޮށް ހިތްހަމަޖައްސާލައި، ދަތުރުތައް ދިޔުމުގައި ވަގުތު ހޭދަ ކުރާ ދުވަސްކޮޅަކަށް ވުމުން، މި ދަތުރަކީ ހިޔާގައި ތިބޭ ކުދިން މަޖާކޮށްލައި ހިތްހަމަޖައްސާލަދިނުމުގެ މަގުސަދުގައި ހަމަޖައްސައިދިނުމުގެ ގޮތުން ކުރިއަށް ގެންދިޔަ ހަރަކާތެއް ކަމަށެވެ.
ދިރާގުގެ ޕަބްލިކްރިލޭޝަންސް މެނޭޖަރު އިމްޖާދު ޖަލީލް ވިދާޅުވީ، ސަބްމެރިން ދަތުރެކޭ އެއްފަދައިން ވޭތުވެދިޔަ އަހަރުތަކުގައި ވެސް ދިރާގުން އެކުދިންނަށް ތަފާތު ހަރަކާތްތަކެއް ކުރިޔަށް ގެންގޮސްފައިވާކަން ފާހަގަ ކުރައްވާ ކަމަށެވެ.
“އެގޮތުން އެކުދިން ސްކޫލު ބަންދު ނިމި އެނބުރި ސްކޫލަށް ދާއިރު މަޖާ ކަންތައްތަކެއް ތަޖުރިބާކުރުމުގެ ފުރުސަތު ތަނަވަސް ކޮށްދިނުމުގެ ގޮތުން މިދިޔަ ބަންދުގައި އެކުދިން ވަނީ ‘މެޖިކް ސާކަސް އޮފް ސަމޯއާ’ އަށް ގެންގޮސްފައި. އަދި މެޖިކް ޝޯ ފަދަ ހަރަކާތްތައް ކުރިއަށްގެންގޮސްފައި. ކުޑަކުދިން ހިމާޔަތްކުރުމާއި އެކުދިންނަށް އަޅާލައި އެހީތެރިވުމަކީ ދިރާގުގެ އިޖްތިމާއީ ޒިންމާގެ ވަރަށް މުހިންމު ދާއިރާއެއް،” އިމްޖާދު ވިދާޅުވި އެވެ.
ކުޑަކުދިންގެ ހިޔާއާ އަބަދުވެސް ގާތް ގުޅުމެއް ބާއްވަމުން އަންނަ ދިރާގުން މިހާރުވެސް ދަނީ ކުޑަކުދިންގެ ހިޔާއަށް 2008 ވަނަ އަހަރުން ފެށިގެން ޕޭރަންޓަލް ކޮންޓްރޯލާ އެކު ހިލޭ އިންޓަނެޓް ފޯރުކޮށްދިނުމާއި އެތަނުގައި މަސައްކަތް ކުރައްވާ މުވައްޒަފުންގެ މުސާރަ ވެސް ސްޕޮންސަރ ކުރަމުންނެވެ. އޭގެ އިތުރުން 2013 ވަނަ އަހަރު ދިރާގުން ވަނީ ކުޑަކުދިންގެ ހިޔާގައި 2 ކޮމްޕިއުޓަރު ލެބާއި ލައިބްރަރީ ސެޓަޕެއް ގާއިމުކޮށްދީފައެވެ.