ކައުންސިލުތައް ހިންގުމަށް ސަރުކާރުން ގާނޫނީ ބާރު ނުދޭތީ ހދ އަތޮޅު ކައުންސިލުގެ ވައިކަރަދޫ ދާއިރާގެ މެމްބަރު އަބުދުލް މުހައިމިނު މިއަދު އިސްތިއުފާ ދެއްވައިފި އެވެ.
މުހައިމިނު އިސްތިއުފާ ދެއްވިކަން “ކުޅުދުއްފުށި އޮންލައިނަށް” މިރޭ ވަނީ ކަށަވަރުކޮށްދެއްވާފަ އެވެ. މުހައިމިނު ވިދާޅުވީ ސަރުކާރުގެ ސިޔާސަތުތައް ރާވައި ހިންގަމުން އަންނަ ގޮތުން ގާނޫނުގައި އޮންނަ ބާރުތައް ކައުންސިލުތަކަށް ދިނުމަށް ސަރުކާރުން ބޭނުން ނުވާކަން ހާމަވާ ކަމަށެވެ. އަދި އެ ބާރުތައް ނެތި ރައްޔިތުންނަށް ހިދުމަތް ކުރުމަކީ އެއްގޮތަކަށް ވެސް ގަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށެވެ.
މުހައިމިނު ވިދާޅުވީ ރައްޔިތުންނަށް ހިދުމަތް ކުރެވޭނީ ގާނޫނުން ލިބިދީފައިވާ ބާރުތައް ކައުންސިލަށް ލިބިގެން ކަމަށެވެ.
ހދ އަތޮޅު ކައުންސިލުގެ މީޑިއާ ކޯޑިނޭޓަރުގެ މަގާމު ވެސް ފުރުއްވަމުން ގެންދެވި މުހައިމިނު ވިދާޅުވީ ރައްޔިތުންނަށް ހިދުމަތް ނުކުރެވޭއިރު ރައްޔިތުންގެ ފައިސާއިން މުސާރަ ނަންގަވައިގެން ކައުންސިލް މެމްބަރުގެ މަގާމުގައި ހުންނަން ބޭނުންފުޅުވެނުލައްވާ ކަމަށެވެ. އަދި އިސްތިއުފާ ދެއްވީ އެ ސަަބަބަށްޓަކައި ކަމަށް މުހައިމިނު ވިދާޅުވި އެވެ.
އިސްތިއުފާގެ ސިޓީ ރަސްމީ މާދަމާ ކައުންސިލަށް ފޮނުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ
މުހައިމިނަކީ ހދ އަތޮޅު ކައުންސިލުގެ ވައިކަރަދޫ ދާއިރާ ތަމްސީލްކުރައްވަމުން ގެންދަވައި 2 ކައުންސިލަރުންގެ ތެރެއިން އެއް ކައުންސިލަރެވެ. މުހައިމިނަކީ އަދާލަތު ޕާޓީއަށް ނިސްބަތްވެވަޑައިގަންނަވާ ބޭފުޅެކެވެ.