ހދ އަތޮޅު ކައުންސިލްގެ ވައިކަަރަދޫ ދާއިރާގެ މެންބަރު އަބްދުލް މުހައިމިން މަގާމުން އިސްތިއުފާ ދެއްވަން ނިންމާފައިވަނީ ވިދިވިދިގެން ހަތް ޖަލްސާއަށް ހާޒިރު ނުވާތީ އެ މައްސަލަ ބެލުމަށް އެޖެންޑާ ކޮށްފައި ވަނިކޮށްކަން މި ނޫހަށް އެނގިއްޖެ އެވެ.
އަތޮޅު ކައުންސިލްގެ ރައީސް ހުސެއިން ޝަގީފް ވިދާޅުވީ މުހައިމިންގެ އިސްތިއުފާ ސިޓީ އަތޮޅު ކައުންސިލަށް އަދި ލިބިފައި ނުވާ ކަމަށާއި ވިދިވިދިގެން ޖަލްސާއަށް ހާޒިރު ނުވި މައްސަލަ ބެލުމަށް ހަމަޖެހިފައިވަނީ އަންނަ ބުރާސްފަތި ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އެކައުންސިލްގެ 2 ވަަނަ ދައުރުގެ 90 ވަނަ ޖަލްސާގައި ކަމަށެވެ.
މި ނޫހަށް މައުލޫމާތު ދެއްވަމުން މުހައިމިން ވިދާޅުވީ މަގާމުން އިސްތިއުފާ ދެއްވަން ނިންމެވީ ސަރުކާރުން ކައުންސިލްތަށް ހިންގުމަށް ގާނޫނީ ބަރު ނުދެއްވާތީ އެބާރުތައް ނެތި ރައްޔިތުންނަށް ހިދުމަތް ކުރެއްވުމަކީ ގަބޫލުކުރެއްވޭ ކަމަކަށް ނުވާތީ އެވެ.
ލާމަރުކާޒީ ޤާނޫނުގެ 119 ވަނަ މާއްދާގައިވާގޮތުގައި ކައުންސިލް މެމްބަރަކު މެމްބަރުކަމުން ވަކިވާނީ މެމްބަރުކަމުން ވަކިވުމަށް އެދި ކައުންސިލަށް އެޑްރެސްކޮށް ސިޓީ ފޮނުވުމުން ނުވަތަ މަޤްބޫލް އުޒުރެއް ނެތި ވިދިވިދިގެން 7 ޖަލްސާއަށް ހާޒިރު ނުވުން ނުވަތަ މެމްބަރެއްގެ ކިބައިގައި ހުރުމަށް ލާމަރުކަޒީ ޤާނޫނު ލާޒިމްކުރާ ސިފައެއް އެ މެމްބަރެއްގެ ކިބައިން އުނިވުން ނުވަތަ މަރުވުން ނުވަތަ ކައުންސިލްގެ ވާޖިބު އަދާނުކުރެވޭ މިންވަރަށް ދާއިމަށް ނުކުޅެދުމުންނެވެ.
މުހައިމިން އިއްޔެ މި ނޫހަށް ވިދާޅުވެފައިވަނީ ކައުންސިލުން އިސްތިއުފާ ދެއްވާފައިވާ ކަމަށާއި އިސްތިއުފާގެ ސިޓީ މިއަދު ކައުންސިލަށް ހުށަހަޅުއްވާނެ ކަމަށެވެ.