twitterviber whatsapp telegramfacebookyoutube instagram
27th April 2024

ކުނިކޮށިން އަރާ ދުމުން ސްޓޭޑިއަމް “ސަލާމަތް” ކުރަންޖެހިފައި!

Dec 30, 2015

ކުޅުދުއްފުށީގައި ކުނި ނައްތާލުމަށް ގާއިމުކޮށްފައިވާ ކުނިކޮށި ހުންނަނީ އުތުރުގެ ޒޯން ސްޓޭޑިއަމާ އިންވެގެން އިރުމަތި ފަރާތުގަ އެވެ. ކުނިކޮއްޓަށް އުކާލެވޭ ކުނި މެނޭޖް ކުރުމަށް އަންނަނީ ކުނި އަންދައިގެންނެވެ. މިކަމުގެ ސަަބަބުން ސްޓޭޑިއަަމަށް ދުންގަނޑު ފެތުރި ކުޅުންތެރިންނަށް ކުޅެން ދަތިކާ ކުރިމަތިވެ އަދިި ބައެއް ހާލަތްތަކުގައި މެޗުގެ ވަކި ހިސާބަކުން މެދު ކަނޑާލަން ޖެހޭ ފަހަރުވެސް އާދެއެވެ.

ދާދިފަހުން ބޭއްވި “މިނިވަން ފަންސާސް” ފުޓްބޯޅަ މުބާރާތުގެ ކުޅުދުއްފުށި އަދި ނޮޅިވަރަމް ބައްދަލު ކުރި މެޗްގައި މި މައްސަލަ ދިމާވެ ކުޅުންތެރިންނަށް ކުޅުމުގައި ދަތިތަކާ ކުރިމަތި ލާން ޖެހިފައި ވެއެވެ. މީގެ އިތުރުން ޕްރެޒިޑެންޓް ކަޕް ގައި ކުޅުނު މެޗުތަކުގައިވެސް ދުމުގެ އަސަރު އެ ސަރަހައްދަށްކޮށް، ކުޅެން އުނދުގޫވެފައިވާކަން ފަހަގަކޮށްލެވެއެވެ.

ކުނި މެނޭޖް ކުރުމުގައި ޒަމާނުއްސުރެ އަމަލުކުރަމުން އަންނަނީ، ސިއްހީ އެއްވެސް މިންގަނޑަކަށް ނުފެތޭ، ރައްޔިތުންގެ ސިއްހަތު، އެކަމުގެ ސަބަބުން ބޮޑެތި ނުރައްކާތަކަށް ހުޅުވިފައިވާ ގޮތަކަށެވެ. ކުނިކޮށިން އަރާ ވިހަ ދުމުގެ ސަބަބުން ނޭވާލާ ނިޒާމަށް މައްސަލަތައް ދިމާވެ ފުއްޕާމެއަށް ގެއްލުންވާނެކަމީ ޝައްކެއް އޮތް ކަމެއް ނޫނެވެ. އެހެންކަމުން ސަރުކާރާ ކަމާގުޅުންހުރި މުއައްސަސާތަކާ ގުޅިގެން ރައްކާތެރި ދެމެހެއްޓެނިވި ގޮތަކަށް، ކުޅުދުއްފުށީގެ ކުނި ނައްތާލުމުގެ ނިޒާމު މުޠާލިއާކުރަން މިވަނީ ޖެހިފައެވެ.

ކުޅިވަރު މުބާރާތްތައް އޮންނަ ދުވަސްތަކުގައި ހާއްސަކޮށް ގިނަ ބަޔަކު ޖަމާވާތަނަކަށް ސްޓޭޑިއަމް ވާއިރު މިކަމަށް އަވަސް ހައްލެއް ގެންނަން ޖެހެއެވެ. ސިއްހަތާބެހޭ އޮފިޝަލުން ވިދާޅުވާ ގޮތުގައި ކުޅިވަރު ކުޅޭ ވަގުތު ހަށިގަނޑަށް އިތުރަށް އޮކްސިޖަން ބޭނުންވުމުން ގިނައިން ނޭވާލާން ޖެހޭނެތީ ދުމުގެ ނުރައްކާ ކުޅުންތެރިންނަށް ވަރަށް ބޮޑުވާނެ އެވެ.

ކުރިއަށް އޮތް “މިނިވަން ފަންސާސް” ޒޯން މުބާރަތް ވެސް ބާއްވާން ހަމަޖެހިފައި އޮތީ ކުޅުދުއްފުށީގައި ހުންނަ ޒޯން ސްޓޭޑިއަމްގައެވެ. އަދި ކުރިއަށް އޮތް އިރުވައި މޫސުމުގެ ދުވަސްތަކުގައި، ކުނިކޮށިން އަރާ ދުމުގެ އަސަރު ރަށުގެ ބޮޑުބަޔަކަށް ކުރާނެ އެވެ. ކުޅުދުއްފުށީ ކައުންސިލް މެމްބަރު އިބްރާހިމް އައްބާސް ވިދާޅުވީ ކުނި މެނޭޖްކޮށް ބެލަހައްޓުމަކީ ފެނަކަ ކޯޕަރޭޝަނުގެ ޒިންމާއެއް ކަމަށާއި އެ ކަންތައްތައް ގޯސްވެފައި ވަނީ އެ ކޯޕަރޭޝަނުން އެކަމާމެދު އިހުމާލުވާތީ އެވެ.

އައްބާސް ވިދާޅުވީ ޒޯން މުބާރާތުގެ މެޗުތައް ކުޅެމުންދާ ވަގުތު ކުރިން ދިމާވިފަދަ ކަމެއް ދެވަނަ ފަހަރަށް މެދުވެރިނުވާނެ ގޮތަށް އަމަލުކުރުމަށް ފެނަކަ ކޯޕަރޭޝަނުގައި މިހާރު އެދިފަ ވާނެކަމަށެވެ. އަދި ޕްރެޒިޑެޓް ކަޕްގައި އެކަންތައް މެނޭޖްކޮށްފައިވަނީ ފުލުހުންނާއި ފެނަކައާ ވަހާކަ ދައްކައިގެން ކަމަށާއި މިފަހަރުވެސް އެކަންތައްތައް މެނޭޖްކުރުމަށް ހަމަޖެހިފައި އޮތީ އެގޮތައް ކަމަށް އައްބާސް ވިދާޅުވިއެވެ.

ނަމަވެސް ފުލުހުންނާއި ފެނަކައާ ގުޅިގެން އެކަންތައްތައް މެނޭޖް ކުރަމުންދާއިރުވެސް އެމައްސަލަ އެކި ފަހަރުމަތިން ދިމާވެފައިވާކަން ފާހަގަކޮށްލެވެއެވެ.

ފެނަކަ ކޯޕަރޭޝަންގެ ހދ އަތޮޅުގެ މެނޭޖަރ މަމްދޫހު އަލީ ވިދާޅުވީ ކުޅިވަރު ކުޅެމުންދާ ވަގުތު ކުނި ކޮށީގައި ރޯކުރަނީ ފެނަކައިން ނޫން ކަމަށާއި އެކަން ކުރަނީ ބަޔަކަށް އުނދަގޫކުރުމުގެ ގޮތުން އާންމުންގެ ބައެއް ކަމަށް މަމްދޫހު ވިދާޅުވި އެވެ.

މަމްދޫހު ވިދާޅުވީ އެކަންތައް ހުއްޓުވައި ދެވަނަ ފަހަރަށް ތަކުރާރު ވިޔަ ނުދިނުމަށް އެފަރާތުން ވަރަށް ބޮޑަށް ބަލާ ކަމަށާއި ހާއްސަކޮށް ބޮޑެތި މުބާރާތްތައް އޮންނަ ދުވަސްވަރު އިތުރު ފިޔަވަޅުތައްވެސް އަޅާ ކަމަށެވެ.

ކުޅުދުއްފުށީގައި ބޭއްވޭ ބޮޑެތި މުބާރާތްތަކުގައި ބައިވެރިވެ ރާއްޖެތެރެ އެކި ރަށްރަށުގެ މީހުންވެސް ކުޅުދުއްފުއްޓަށް އައިސް ޖަމާވާ ތަނަކަށް ސްޓޭޑިއަމްވާއިރު މިފަދަ ޒިންމާދާރުކަން ކުޑަ އަމަލުތައް ރަށުގެ ބައެއް އާންމު ރައްޔިތުން ކުރަމުންދާކަމީ ރަށުގެ ރައްޔިތުން ރަށާ ދޭތެރޭ ލަދުގަންނާނެ ކަންކަމެވެ. އަދި މީގެ އިތުރުން އެ ސަރަހައްދުގައިހުރި ސްކޫލަށާއި މީހުން ދިރިއުޅޭ ބޮޑު ސަރަހައްދަކަށް ދުމުގެ އަސަރުކޮށް، ދުމުގެ ސަަބަބުން ސިއްހީގޮތުންވެސް ރައްޔިތުންނަށް އަސަރު ކުރާއިރު މިކަމަށް ދާއިމީ ހައްލެއް ގެންނަން ޖެހެއެވެ.

 

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355