ވައިކަރަދޫ މަސްޖިދުލް އިޚްލާޞްގައި ހަރުކުރުމަށް ހަމަޖެހިފައިވާ އޭސީތަކުގެ ކަރަންޓު ބިލް ދެއްކުމަށް ހަމަޖެހިފައިވަނީ އެ ރަށު ކައުންސިލުން ހަރަދުކޮށްގެން ކަމަށް ވައިކަރަދޫ ކައުންސިލްގެ ރައީސް އިބްރާހިމް މުހައްމަދު ވިދާޅުވެއްޖެ އެވެ.
ވައިކަރަދޫ ކައުންސިލުން މިސްކިތުގައި އޭސީ ހަރުކުރުމަށް އިސްލާމިކް މިނިސްޓްރީގެ ހުއްދައަށް އެދުމުން އެ މިނިސްޓްރީން ފޮނުވި ޖަވާބުގައި ބުނެފައިވަނީ އޭސީ ބޭނުން ކުރެވޭނީ އެ މިސްކިތެއްގެ އާންމު ކަރަންޓާ ވަކި ކުރެވި، ވަކިން މީޓަރެއް ހިމެނޭގޮތައް ވައިރުކުރުމާއެކު އޭސީއަށް ހިނގާ ކަރަންޓުގެ ބިލް އެފަރާތަކުން އަމިއްލައަށް ދައްކާނަމައެވެ.
“ކުޅުދުއްފުށި އޮންލައިނުން” ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ކައުންސިލުގެ ރައީސް ވިދާޅުވީ އޭސީތައް ހަރުކުރުމަށްފަހު ވަކިން މީޓަރެއް ހަރުކޮށް އޭސީއަށް އަރާ ކަރަންޓު ބިލް ދެއްކުމަށް ހަމަޖެހިފައި އޮތީ ކައުންސިލުގެ ހަރަދުގައި ކަމަށެވެ.
“ކައުންސިލްގެ 42 ވަނަ ޖަލްސާއަށްފަހު، އޭސީ ހަމަ އަޅުވާފަ ވައިކަރަދޫ ކައުންސިލުން ކަރަންޓު ބިލް ދައްކާގޮތަށް ވަކިން މީޓަރާއެއްޗެހި ހަރުކުރާގޮތައް ހަމަޖެހިފަ އޮތީ” ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މަސްޖިދުލް އިޚްލާޞްގައި ހަރުކުރުމަށް ހަތަރު އޭސީއެއް ރަށުގެ އަމިއްލަ ފަރާތަކުން ހަދިޔާކޮށްފައިވާކަމަށާއި އެ ހަތަރު އޭސީގެ އިތުރުން ކައުންސިލްގެ ހަރަދުގައި އިތުރު ދެ އޭސީއެއް އެ މިސްކިތުގައި ހަރުކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.
މިސްކިތްތަކުގައި އޭސީ ބެހެއްޓުމާއި އޭސީގެ ކަރަންޓު ބިލަށް އިސްލާމިކް މިނިސްޓްރީއިން ފައިސާ ދެއްކުމަށް ހަމަޖެހިފައި ނުވާނެ ކަމަށާއި އޭސީ ބަހައްޓައި އޭސީގެ ކަރަންޓު ބިލަށް ހަރަދެއް ކުރެވޭނެ ބަޖެޓެއް އެ މިނިސްޓްރީއަށް ނުލިބޭ ކަމަށް އިސްލާމިކް މިނިސްޓްރީން ވަނީ މީގެ ހަފްތާއެއް ކުރިން އަންގާފަ އެވެ.