ފްރީޑައިވް މޯލްޑިވްސްގެ ފަރާތުން ކުރިއަށްގެންދާ ފްރީޑައިވިން ކޯހެއް ކުޅުދުއްފުށީގައި ފެށިގެން ކުރިއަށް އެބަދެއެވެ.
މި މަހު 25 އިން ފެށިގެން ކުރިއަށްދާ މި ކޯހުގައި ޖުމްލަ 9 ކުދިން ބައިވެރިވެފައިވާ ކަމަށް ފްރީޑައިވް މޯލްޑިވްސްގެ ކުޅުުދުއްފުށީގައި ހިންގާ ކޯހާގުޅޭ ކަންކަމާ ހަވާލުވެހުންނެވި އަލީ އައްބާސް ކުޅުދުއްފުށި އޮންލައިނަށް މައުލޫމާތު ދެއެވެ.
އަލީ ވިދާޅުވީ މި ކޯސް މިދިޔަ ހުކުރު ދުވަހު ފެށިފައިވާ ކަމަށާއި ކޯހުގެ ތިއަރީ 2 ސެޝަނެއް އޭއީސީގެ ޓީ.އާރު.ސީގައި ބާއްވާފައި ވާނެ ކަމަށެވެ. އަދި ކޯހުގެ ޕްރެކްޓިކަލް ސެޝަންތައް ކުޅުދުއްފުށި ހިއްކި ސަރަހައްދާ ދިމާ މޫދުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށް އަލީ ވިދާޅުވި އެވެ.
މި ކޯސް ކުރިއަށް ދާނީ އަންނަ މަހުގެ ފަހެއްގެ ނިޔަލަށެވެ. މި ކޯސް ފުރިހަމަ ކުރާ ބައިވެރިންނަށް ލިބޭ ސެޓްފިކެޓަކީ ދުނިޔޭގެ ފެންވަރުގައި ބަލައިގަންނާނެ ސެޓްފިކެޓެކެވެ.
މި ކޯހުގައި ބައިވެރިންނަށް އޮކްސިޖަން ބޭނުންނުކޮށް ނޭވާ ހިފަހައްޓައިގެން ޑައިވިން ކުރަން ދަސްކޮށްދެވޭނެ އެވެ. އެގޮތުން 20 މީޓަރު އަޑިއަށް ޑައިވް ކުރުމުގެ ތަމްރީން ބައިވެރިންނަށް ދެވިގެންދާނެ ކަމަށާއި ކޯސްގެ ވޯޓަރ ސެޝަންތައް ކުރިއަށް ދާނީ ހުރިހާ ސޭފްޓީ ފިޔަވަޅުތައް އެޅުމަށް ފަހު ކަމަށް ފްރީ ޑައިވް މޯލްޑިވްސް އިން ބުނެއެވެ.
މި ކޯހުގައި ބައިވެރިންނަށް އިންސްޓްރަކްޓް ކޮށްދެމުން ގެންދަނީ ގައުމީ ތިން ރިކޯޑެއް ހަދާފައިވާ ރާއްޖޭގެ ފުރަތަމަ ފްރީޑައިވިން އިންސްޓްރަކްޓަރ ފަހުދު ފާއިޒުއެވެ.
ފްރީޑައިވް މޯލްޑިވްސް އިން މީގެ ކުރިން މި ކޯސްވަނީ އދ އާއި އައްޑު އަތޮޅުގައިވެސް ކުރިއަށް ގެންގޮސްފަ އެވެ.