މިނިސްޓްރީ އޮފް ޖެންޑާ އާއި ފުލުހުން ގުޅިގެން މައުލޫމާތު ދިނުމުގެ ޕްރޮގްރާމެއް އިއްޔެ ކުރިއަށް ގެންގޮސްފި އެވެ.
“އިޖްތިމާއި ރައްކާތެރިކަން ރައްޔިތުންނާއި ގާތުން” މިނަމުގައި ކުޅުދުއްފުށީ އާރްޑީއެމްއޯގައި އިއްޔެ ކުރިއަށް ގެންދިޔަ މި ޕްރޮގްރާމް އަމާޒްކޮށްފައި ވަނީ ކުޅުދުއްފުށީގެ ސަރުކާރު މުވައްސަސާތަކަށެވެ.
ކުޅުދުއްފުށީ އޮންލައިނަށް މައުލޫމާތު ދެމުން މި ޕްރޮގްރާމްގައި އިސްކޮށް އުޅުނުފަރާތެއް ކަމަށްވާ ފެމެލީ އެންޑް ޗިލްޑްރެން ސާރވިސްގެ ސޯޝަލް ސާރވިސް އޮފިސަރ އާސިމާ އަހުމަދު ވިދާޅުވީ މި ޕްރޮގްރާމްގެ މަގުސަދަކީ ފެމެލީ އެންޑް ޗިލްޑްރެން ގެ މަސައްކަތް ލާމަރުކަޒީ އުސޫލުން ފުޅާ ކުރުމުގެ ގޮތުން ކުރިއަށް ގެންދެވުނު ޕްރޮގްރާމެއް ކަމަށާއި މި ޕްރޮގްރާމްގައި އިޖްތިމާއީ ރައްޔާތެރިކަން ފޯރުކޮށްދިނުމަށް އިޖްތިމާއި ފެންވަރުގައި މަސައްކަތް ކުރާނެ ގޮތް ދަސްކޮށްދެވިގެން ދިޔަކަމަށެވެ.
އޭގެ އިތުރުން އާސިމާ ވިދާޅުވީ މި ޕްރޮގްރާމަކީ މިމަހު 14 ވަނަ ދުވަހުން ފެށިގެން ހދ އަތޮޅުގެ ހުރިހާ ރަށެއްގައި ކުރިއަށް ގެންދިޔަ ޕްރޮގްރާމެއް ކަމަށާއި ކުޅުދުއްފުށީގައި އިއްޔެ މި ކުރިއަށްގެންދިއައީ މީގެ ފަހު ޕްރޮގްރާމް ކަމަށެވެ.
ކުރިއަށް އޮތްތަނުގައި ޖެންޑާ މިނިސްޓްރީއާ ގުޅިގެން ހދ އަތޮޅުގެ ހުރިހާ ރަށެއްގެ މުވައްސަސާތަށް ހިއްސާވާގޮތަށް ކޮންމެ ރަށެއްގައިވެސް ކޮމިއުނިޓީ ސޯޝަލް ގްރޫޕެއް އުފެއްދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް އަސްމާ ވިދާޅުވި އެވެ.
މިއަދު މި ޕްރޮގްރާމުގައި ފުލުހުންގެ ފަރާތުން މައުލޫމާތި ދީފައިވަނީ ޕޮލިސް ސާރޖަންޓް އަލީ މުހައްމަދެވެ. އަދި ފެމެލީ އެންޑް ޗިލްޑްރެން ސާރވިސްގެ ސޯޝަލް ސާރވިސް އޮފިސާ އާސިމާ އަހުމަދެވެ.