އައު އަހަރުގެ މުނާސަބަތުގައި ކުޅުދުއްފުށީގައި ބޭއްވި “ނިއު އިޔަރ ޝޯވޑައުން 2016” ގެ މިސްޓަރ ޝޯވޑައުންކަން މާޖިދު މުހައްމަދު ކާމިޔާބުކޮށްފިއެވެ.
މި ރޭހުގައި މާޖިދު (ސިތުރާ) ވަނީ 135ސީސީގެ ރޭހާއި އޯޕަން އިންވެންޓް ކާމިޔާބުކޮށްފަ އެވެ. މީގެއިތުރުން 125ސީސީގެ ރޭސް ސަމީރު މުހައްމަދު (ސިތުރާ) ކާމިޔާބުކޮށްފައި ވެއެވެ. އަދި 150-250ސީސީގެ ރޭސް އިބްރާހިމް އަޝްރަފް (މުސްތަރީގެ) ކާމިޔާބު ކޮށްފައި ވާއިރު 110-100ސީސީގެ ރޭސް ކާމިޔާބުކޮށްފައިވަނީ މުސްތޮފާ މުހައްމަދު (ސިތުރާ) އެވެ.
ކުޅުދުއްފުށި މޮޓޯރ ސްޕޯރޓްސް އިން އިންތިޒާމުކޮށްގެން ކުރިޔަށް ދިޔަ މި އިވެންޓުގައި ވަނަތައް ހޯދި ބައިވެރިންނަށް ސެޓްފިކެޓާއި އިނާމު ހަވާލުކޮށްދެއްވީ ކުޅުދުއްފުށީ ކައުންސިލްގެ ނައިބު ރައީސް މުހައްމަދު އައިމަން އަލީ އެވެ.
އިނާމު ދިނުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ނައިބު ރައީސް ވިދާޅުވީ ރަށަށް ރީތި ނަން ހޯދައި ދެވޭނީ ފުޓުބޯޅަ ދާއިރާއިން އެކަނި ނޫން ކަމަށާއި އިންޓަަނޭޝަނަލް ފެންވަރުގެ ރޭސިން އިވެންޓުތަކުގައިވެސް ބައިވެރިވެ ރަށަށް ރީތި ނަން ހޯދޭނެކަމަށް އުންމީދު ކުރާކަމަށް އައިމަން ވިދާޅުވިއެވެ. އަދި އަލަށް މިކަހަލަ ކުޅިވަރެއް ރަށުގައި ބޭއްވޭ އިރު ތަފާތު މައްސަލަތައް ކުރިމަތިވެ އާންމު ރައްޔިތުންނަށްވެސް ކޮންމެސް ވަރަކަށް އުނދަގޫވެދާނެ ކަމަށާއި ނަމަވެސް މުސްތަގުބަލުގައި މިކަހަލަ ކަންކަމަކީ އެ މުބަރާތުން ފިލާވަޅު ލިބިގަނެގެން ރަނގަޅު ކުރެވޭނެ ކަންކަން ކަމަށް އައިމަން ފާހަގަ ކުރެއްވި އެވެ.
ނިއު އިޔަރ ޝޯވޑައުންގެ ތެރެއިން
ކުޅުދުއްފުށީ އަމީނީ މަގުގެ ދެކުނު ކޮޅުގައި ބޭއްވި މި އިވެންޓު ކުރިޔަށްގެންގޮސްފައިވަނީ 19 ދުއްވުންތެރިޔަކާއެކު ދެ ބަޔަކަށް ބަހާލައިގެންނެވެ. އެއީ ޑްރެގް ރޭހާއި ސްޓަންޓް ޝޯ އެވެ. އެގޮތުން އިއްޔެ ބޭއްވުނު ފަހު އިވެންޓުގައި ހުނަރުވެރި ތަފާތު އެކި ސްޓަންޓުތައް ވަނީ ބެލުންތެރިންނަށް ދައްކާލާފައިއެވެ.
ސްޓަންޓް އިވެންޓްގެ ތެރެއިން– ފޮޓޯ: ނާސިދު
ކުޅުދުއްފުށީގައި މިދިޔަ އަހަރުގެ ބޮޑު އީދާ ދިމާކޮށްވެސް ކުޅުދުއްފުށި މޮޓޯރ ސްޕޯރޓްސްގެ ފަރާތުން ވަނީ ރޭސް އަދި ސްޓަންޓް އިވެންޓެއް ބާއްވާފައި އެވެ.