ކުޅުދުއްފުށީ ގިނަ ބަޔަކު މޫދު އެރި ޕިކްނިކް ހެދުމަށް ދާ ހިއްކި ބިމުގެ ގޮނޑުދޮށް ސާފުކޮށް އެ ސަރަހައްދުގައި ދެ ޑަސްބިން ބަހައްޓައިފި އެވެ.
ކުޅުއްފުށީގައި އިލެކްޓްރޯނިކް ތަކެތި ވިއްކާ ފަރާތެއްކަމަށްވާ “ކުއަންޓަމް” ފިހާރަ އަދި އަފީފުއްދީން ސްކޫލުގެ ސްކައުޓުން އިސްނަގައިގެން ހިންގި މިހަރަކާތުގައި، ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަނާ ދިމާ ގޮނޑޮދޮށާއި ވޯޓަރ ސްޕޯރޓްސްގެ ހަރަކާތް ކުރިއަށްގެންދާ ދިމާ ގޮނޑުދޮށް ސާފުކޮށް އެ ދެ ސަރަހައްދުގައިވެސް ޑަސްބިނެއް ވަނީ ބަހައްޓާފައިއެވެ.
މި ނޫހަށް މައުލޫމާތު ދެމުން ކުއަންޓަމް އިން ބުނި ގޮތުގައި ގޮނޑުދޮށުގައި ބެހެއްޓި ދެ ޑަސްބިނުގެ ކުނި، ކުނިކޮށްޓަށް ގެންދިއުމުގެ ކަންކަން ކުރާނީ އަފީފުއްފީން ސްކޫލުގެ ސްކައުޓުން ނެވެ.
އެފަރާތުން ބުނީ 2013 ވަނަ އަހަރުގެ ކުރީކޮޅުވެސް ބީޗް ސަރަހައްދުގައި ކުއަންޓަމްގެ ފަރާތުން ޑަސްބިނެއް ބެހެއްޓި ކަމަށާއި އެ ޑަސްބިނުގެ ކުނި އުކާލުމުގެ ފީ ދައްކަމުން ދިޔައީ އެ ފަރާތުން ކަމަށެވެ. ނަމަވެސް އެޑަސްބިން ފަހުން ވަރަށް ބޮޑަށް ހަލާކުވެ ވެ ބޭނުން ނުކުރެވޭ ގޮތްވެ އެތަނުން ނަގާފައިވާ ކަމަށް އެ ފިހާރައިން ބުންޏެވެ.
ކުރިން ބެހެއްޓި ޑަސްބިނަށް އެސަރަހައްދަށް ދާ މީހުންގެ އިތުރުން އެހިސާބުގެ ގޯތިތަކުން ނެރޭ ކުނި އުކާލަން ފަށެމުން އެ ޑަސްބިން ހުރީ އަބަދު ކަހަލަގޮތަކަށް ފުރި ބަންޑުވެފައި ކަމަށް ކުއަންޓަމް އިން ބުންޏެވެ. އެގޮތުން ކުނި ބަތްކޮތަޅާއި މަސްކެނޑުމަށްފަހު އުކާލާ ގޮހޮރު ކޮތަޅު ފަދަ ތަކެތި އެ ޑަސްބިނަށް އެޅުމުގެ ސަބަބުން ޑަސްބިނަށް ލޭ އެޅި ޑަސްބިނުގެ ފޫ ހަލާކުވެގެން ދިޔަ ކަމަށް އެ ފަރާތުން ބުންޏެވެ.
ގިނަ ބަޔަކަު ގޮސް އުޅޭ އެ ސަރަހައްދުގައި ކުނި އަޅާނެ ވަކި ހާއްސަ އެއްޗެއް ނެތުމުން މޫދާއި ގޮނޑުދޮށް ބޭނުންކުރާ ގިނަ ފަރާތްތަކުން ކުނިތައް އެތަން މިތަނަށް އުކާލެވިފައި ހުންނަތަން ފެނެއެވެ. އެހެންކަމުން ވޭތުވެދިޔަ އަހަރު އެ ސަރަހައްދު ވަރަށް ބޮޑަށް ހަޑިވެފައި އޮތް ކަން ފާހަގަކޮށްލެވެއެވެ.