twitterviber whatsapp telegramfacebookyoutube instagram
28th March 2024

ގުރުއަތުލުން ބާތިލު ކުރަންޖެހުނީ ހައުސިންގ މިނިސްޓްރީގެ ސަބަބުން؟

Jan 6, 2016

ގެދޮރުވެރިކުރުވުމުގެ ޕްރޮގްރާމުގެ ދަށުން ކުޅުދުއްފުށީގައި އިމާރާތްކުރި 165 ރޯހައުސްގެ ތެރެއިން ކުޅުދުއްފުށީގެ ރައްޔިތުންނަށް ހާއްސަކުރެވުނު ސަތޭކަ ރޯހައުސް ލިބޭ ފަރާތްތައް ހޮވުމަށްޓަކައި ގުރުއަތަލުން ބޭއްވިތާ ގިނަ ދުވަހެއް ނުވަނީސް އެންޓިކޮރަޕްޝަން ކޮމިޝަނުގެ އެންގެމުކަށް އެ ގުރުއަތުލުން މި ވަނީ ބާތިލުކޮށްފަ އެވެ. އިމާރާތްކުރެވުނުތާ ގިނަ ދުވަސްތަކެއް ވެފައިވާ އެ ގެތަކަށް ވަދެވޭނެ ދުވަހެއްގެ އިންތިޒާރުގައި ތިބި އެތައް ރައްޔިތުންނެއް އަނެއްކާވެސް މިވަނީ ދިގު އިންތިޒާރަކަށް ޖެހިފައެވެ.

ރޯހައުސް އަށް އެދި ހުށަހެޅި ފަރާތްތަކުގެ ތެރެއިން ތިރީސް ޕޮއިންޓަށް ވުރެ މަތިން ލިބުނު 78 ފަރާތްތަކަށް ގުރުއަތަކަށް ނުގޮސް ރޯހައުސް ވަނީ ލިބިފައެވެ. އެހެންނަމަވެސް ތިރީސް ޕޮއިންޓަށްވުރެ ދަށުން ޕޮއިންޓް ލިބިގެން ގުރުއަތަށް 234 ފަރާތެއް ގޮސްފައިވެއެވެ. އަދި އެ 234 ފަރާތުގެ މެދުގައި ގުރުއަތުލައި ރޯ ހައުސް ލިބޭ 22 ފަރާތް ވަނީ މިދަޔަ މަހުގެ 15 ވަނަ ދުވަހު ކައުންސިލުން ކަނޑައަޅާފައެވެ.

ކައުންސިލުން ގުުރުއަތު ލުމުގައި، އެ 234 ފަރާތުގެ ތެރޭގައި 25 ޕޮއިންޓް ލިބިފައިވާ 71 ފަރާތަކާއި 20 ޕޮއިންޓް ލިބިފައިވާ 173 ފަރާތެއް ހިމަނާފައިވެއެވެ. ނަމަވެސް ގުރުއަތުލުމުގައި 20 ޕޮއިންޓް ލިބުނު ފަރާތްތައްވެސް ހިމަނާފައިވަނީ ރޯހައުސްއަށް އެދި ހުށަހަޅާ ފޯމުގައިވާ އުސޫލާ ހިލާފަށް ކަމަށް އޭސީސީން ކައުންސިލަށް ވަނީ އަންގާފައެވެ.

ރޯހައުސްގެ ގުުރުއަތުލުން ބާތިލް ކުރުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުންތައް އަމާޒުވެފައި ވަނީ ކުޅުދުއްފުށީ ކައުންސިލަށެވެ. އެހެންނަމަވެސް ކައުންސިލުން އެގޮތައް އަމަލުކޮށްފައިވަނީ ހައުސިން މިނިސްޓްރީން އެގޮތައް އަމަލު ކުރުމަށް އެންގުމުންނެވެ. އެކަމުގައި ކުޅުދުއްފުށި ކައުންސިލާއި ހައުސިން މިނިސްޓްރީއާ ދެމެދު ކޮށްފައިވާ ލިޔެކިޔުމުގެ މުއާމަލާތްތަކެއް ވަނީ “ކުޅުދުއްފުށި އޮންލައިނަށް” ލިބިފައި އެވެ.

އެގޮތުން ހައުސިން މިނިސްޓްރީއަށް ކުޅުދުއްފުށި ކައުންސިލުން މިދިޔަ އަހަރުގެ ސެޕްޓެމްބަރު 28 ވަނަ ދުވަހު ފޮނުވާފައިވާ ސިޓީގައި ވާގޮތުން ބުނެފައި ވަނީ 22 ރޯހައުސް ލިބޭ ފަރާތެއް ކަނޑައެޅުމަށް ގުރުއަތުލުމުގައި ހިމަނާނީ 25 ޕޮއިންޓް ލިބުނު 71 މީހުން އެކަނި ކަމަށެވެ. އަދި އެކަންތައް އެގޮތަށް ކުރުމަށް ކައުންސިލުން ވަނީ މިނިސްޓްރީއަށް އެދިފައިއެވެ. އަދި ޖަވާބުގައި މިނިސްޓްރީ އިން މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ 13 ވަނަ ދުވަހު ކައުންސިލަށް ފޮނުވާފައިވަނީ 25 ޕޮއިންޓް ލިބިފައިވާ 71 މީހުންނާއި 20 ޕޮއިންޓު ލިބުނު 173 ފަރާތްވެސް ގުރުއަތުގައި ހިމެނުމަށެވެ. 25 ޕޮއިންޓަށްވުރެ މަދުން ޕޮއިންޓް ލިބުނު 173 ފަރާތެއްވެސް ގުރުއަތުގައި ހިމެނުމަށް ހައުސިން މިނިސްޓްރީން އަންގާފައިވީނަމަވެސް، އެގޮތަށް އެންގި ސީދާ ސަބަބެއް މިއަދު އެ މިނިސްޓްރީގެ ފަރާތުން މިއަދު ވަނީ ސާފުވާގޮތް ނުވެފައެވެ.

މީގެ އިތުރުން ގެދޮރުވެރިކުރުވުމުގެ ޕްރޮގުރާމުގެ ދަށުން ކުޅުދުއްފުށީގައި އިމާރާތްކޮށްފައިވާ 160 ރޯހައުސްގެ ތެރެއިން މުޅި ރާއްޖެއަަށް ހުޅުވާލެވުނު 60 ރޯހައުސްއަށް ކުރިމަތިލި 157 ފަރާތުގެ ގުރުއަތުލުން މިނިސްޓްރީން އަންގަންދެން މަޑުޖައްސާލުމަށްވެސް ކައުންސިލަށް އަންގާފައިވެއެވެ. 

ރޯހައުސްގެ މަސައްކަތް ނުނިމި ދިގުދެމިގެންދާތީ އެކަމާ މެދު ގިނަ ބައެއްގެ ޝަކުވާ ކައުންސިލަށް ލިބެމުންދާ ކަމަށް މައުލޫމާތު ލިބެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355