twitterviber whatsapp telegramfacebookyoutube instagram
18th May 2025

ކުޅުދުއްފުށީ ހޮސްޕިޓަލުގައި ސިޒޭރިއަން ހެދި މީހަކު ލޭ މަނާ ނުވެ ،ހާލު ސީރިއަސް ވެއްޖެ

Jan 8, 2016

މާބަނޑު އަންހެނަކު ސިޒޭރިއަން ހެދުމުގެ ތެރޭގައި ދިމާވި “މައްސަލައަކާ ގުޅިގެން” ލޭ މަނާ ނުވެ ހާލު ސީރިއަސް ވެއްޖެ އެވެ.

33 އަހަރުގެ މިއަންހެން މީހާއަށް މިހާރު ފަރުވާދެމުން އަންނަނީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ އައިސީޔޫގަ އެވެ.

މިއަންހެން މީހާ ވިހަން ހޮސްޕިޓަލަށް ގޮސްފައިވަނީ އިއްޔެ ހެނދުނު އެވެ. އޭނާގެ ފިރިމީހާ މުހައްމަދު “ކުޅުދުއްފުށި އޮންލައިނާ” ވާހަކަ ދައްކަމުން ބުނީ ހޮސްޕިޓަލަށް ދިއުމުން ވިހާ ކޮޓަރިއަށް ގެންގޮސް ބޭއްވުމަށް ފަހު އަދި ވިހަން ރެޑީ ނުވާކަމަށް ބުނެ ވޯޑަށް ބަދަލުކުރިކަމަށެވެ.

“އަނެއްކާވެސް ބަނޑުގައި ރިހެން ފެށުމުން ވިއްސާ ރޫމަށް ގެންދިޔައީ. ދެން ކުއްލިއަކަށް ބުނީ އޮޕަރޭޝަން ކުރަން ޖެހޭ ވާހަކަ” މުހައްމަދު ބުންޏެވެ.

އޭނާ ބުނީ އިއްޔެ މެންދުރު އޮޕަރޭޝަން ކުރުމަށްފަހު ދަރިފުޅު ވެސް ގެންދިޔައީ އައިސީޔުއަށް ކަމަށެވެ. އެހެން ނަމަވެސް ދަރިފުޅު މިހާރު އައިސީޔޫއިން ނެރެފައިވާ ކަމަށް މުހައްމަދު ބުންޏެވެ.

މުހައްމަދު ބުނީ އޭނާގެ އަންހެނުން އޮޕަރޭޝަން ކޮށް، ލޭ މަނާ ނުވެގެން މިހާރު ރަހިމްވެސް ނަގާފައިވާކަމަށައި އެހެންނަމަވެސް ލޭ މަނާ ވުން ހުއްޓުމަކަށް އައިސްފައި ނުވާ ކަމަށެވެ. އަދި އިއްޔެ މެންދުރު ފެށިގެން މިހާރު 40 އަށް ވުރެ ގިނަ މީހުންގެ ގައިން ލޭ ނަގައިފައިވާ ކަމަށް އޭނާ ބުންޏެވެ. އޮޕަރޭޝަނަށް ފަހު އަންހެނުން ހޭނާރާ ކަމަށައި އޭނާ އަށް ފަރުވާދެމުން އަންނަނީ މެޝިނުގެ އެހީ ކަމަށް މުހައްމަދު ބުންޏެވެ.

އޭނާ ބުނީ ނޯމަލް ސިޒޭރިއަން ހެދުމަށްފަހު ލޭ އަންނަ ދިމާވި މައްސަލަ އާއިލާއަށް އަދިވެސް ނޭނގޭ ކަމަށާއި ޑޮކްޓަރުން އެކަމާ އެއްވެސް އެއްޗެއް ނުބުނާ ކަމަށެވެ.

“އަޅުގަނޑެއް ނުބުނަށް ޑޮކްޓަރުންގެ އިހުމާލުންނޭ މިކަން ދިމާވީއެއް އެކަމަކު ފުރަތަމަ ވެސް މިކަން ދިމާވި ސަބަބު އާއިލާއަށް ނޭނގުމަކީ މައްސަލައެއް” އަންހެން މީހާގެ ފިރިމީހާ ބުންޏެވެ.

ކުޅުދުއްފުއްޓަށް ނިސްބަތްވާ މިއަންހެން މީހާގެ ހާލާ މެދު ޑޮކްޓަރުންވަނީ އުއްމީދު ކަނޑާލައިފަ އެވެ. މިއީ މިއަންހެން މީހާގެ 3 ވަނަ ދަރިފުޅެވެ. އޭނާގެ ފުރަތަމަ 2  ދަރިފުޅު ނަގާފައިވަނީ ވިއްސައިގެންނެވެ

މިކަމުގައި ހޮސްޕިޓަލުގެ ބަހެއް އަދި ވަނީ ނުލިބިފަ އެވެ

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355