ސިޒޭރިއަން ފަހު ލޭމަނާ ނުވެ ރޭ ނިޔާވި އައިޝަތު ފަރިޔާލު އޮޕަރޭޝަން ކުރި ގައިނިކޮލޮޖިސްޓް ޑރ ލުއިސް ދެން ކުޅުދުއްފުށީ ހޮސްޕިޓަލުގައި މަސައްކަތް ނުކުރާނެ ކަމަށް އެހޮސްޕިޓަލުން ބުނެފި އެވެ.
ޑރ. ލުއިސް އަކީ މިސްރަށް ނިސްބަތްވާ ޑޮކްޓަރެކެވެ. މީގެ ކުރިންވެސް އޭނާ އޮޕަރޭޝަން ކުރި ބައެއް މީހުނަށް ވަނީ ލޭ މަނާ ނުވުމުގެ މައްސަލަ ދިމާވެފަ އެވެ.
މިކަމާ ކަންބޮޑުވެ ހދ އަތޮޅު ކައުންސިލާއި ކުޅުދުއްފުށީ ކައުންސިލުން ވަނީ މިއަދު ކުޅުދުއްފުށީ ހޮސްޕިޓަލުގެ މެނޭޖްމެންޓާ ބައްދަލުކޮށްފަ އެވެ. ބައްދަލުކުރެއްވުމަށް ފަހު “ކުޅުދުއްފުށި އޮންލައިނަށް” މައުލޫމާތު ދެއްވަމުން ހދ އަތޮޅު ކައުންސިލުގެ ރައީސް ހުސެއިން ޝަގީފް ވިދާޅުވީ ކައުންސިލުގެ ޑިމާންޑަކީ މިފަދަ ކަންތައް ތަކުރާރު ނުވާނޭ ގޮތަކަށް ސަމާލުކަންދީ މެނޭޖްމެންޓް އެފަދަ ކަންތައް ގާތުން ބެލުމަށް ކަމަށެވެ.
ޝަގީފް ވިދާޅުވީ ފަރިޔާލުގެ ސިޒޭރިއަން ހެދި ޑޮކްޓަރު ދެން ކުޅުދުއްފުށީ ހޮސްޕިޓަލުގައި މަސައްކަތް ނުކުރާނެ ކަމަށާއި އޭނާ އިއްޔެއިން ފެށިގެން މަސައްކަތަށް ނުރޭ ކަމަށް ހޮސްޕިޓަލުގެ މެނޭޖްމެންޓުން ބުނިކަމަށެވެ. އަދި ވީހާވެސް އަވަހަކަށް އޭނާ މާލެ ފޮނުވާލުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި އިތުރު އަންހެނުންގެ ޑޮކްޓަރެއް ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ހޮސްޕިޓަލުން ބުނިކަމަށް ޝަގީފް ވިދާޅުވި އެވެ.
ފަރިޔާލްގެ މަރު މައްސަލައިގެ ތަހްގީގު ފަށާފައިވާ ކަމަށާއި އޭނާ އޮޕަރޭޝަން ކުރި ޑރ ލުއިސް ތަހްގީގަށް މާލެ ގެންދިއުމަށް މަސައްކަތް ފަށާފައިވާ ކަމަށް ހެލްތް މިނިސްޓްރީން މިއަދު ވަނީ ބުނެފަ އެވެ.
ކުޅުދުއްފުށީ ހޮސްޕިޓަލްގައި ޑރ ލުއިސް ގެ އިތުރުން އެހެން އަންހެން ޑޮކްޓަރަކުވެސް މަސައްކަތް ކުރެއެވެ.
ފަރިޔާލަކީ ހދ އަތޮޅު ތައުލީމީ މަރުކަޒުގައި ވަޒީފާ އަދާކުރަމުންދާ ޓީޗަރެކެވެ. އޭނާ ނިޔާވިއިރު ސިޒޭރިއަން ހަދައިގެން ނެގި އަންހެން ކުއްޖާ އިތުރުން 11 އަހަރުގެ އަންހެން ކުއްޖަކާއި 4 އަހަރުގެ ފިރިހެން ކުއްޖަކު އެބަތިއްބެވެ.