ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް ކައިރީގައި ގިނަ ބަޔަކު އެއްވެ މުޒާހަރާ ކުރަމުން އެބަދެއެވެ.
ސިޒޭރައަން ހެދުމުގެ ތެރޭގައި ހާލު ސީރިއަސްވެ ނިޔާވި އައިޝަތުގެ ފަރިޔާލު މަރާ ގުޅިގެން ކުރަމުންދާ މި މުޒާހަރާ ފަށާފައިވަނީ މިއަދު ހަވީރު 4:30 އެހާކަށްހާ އިރު އެވެ.
މުޒާހަރަ ކަވަރު ކުރަމުން އަންނަ “ކުޅުދުއްފުށި އޮންލައިން” ކޮޕީ އެޑިޓަރު މައުލޫމާތު ދިން ގޮތުގައި މުޒާހަރާ ގެ ބައިވެރިން ހޮސްޕިޓަލް ތެރެއަށް ވަންނަން މަސައްކަތް ކުރަމުން އެބަދެއެވެ. އަދި ގިނަ އަދަަދެއްގެ ޕޮލިހުންވެސް އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން އެބަދެއެވެ.
މުޒާހަރާގެ ބައިވެރިން ހޮސްޕިޓަލުގެ އޯޕީޑީ ސަރަހައްދަށް ގޮސް ހޮސްޕިޓަލުގެ އިސްބޭފުޅުންގެ އިސްތިއުފާޔަށް ގޮވަމުންދާކަން ފާހަގަކޮށްލެވެއެވެ. އަދި ކުޅުދުއްފުށި ކައުންސިލްގެ ރައީސް މުހައްމަދު އަލީ ދަނީ މިވަގުތު ހޮސްޕިޓަލްގެ މެނޭޖްމެންޓާ ވަހާކަ ދައްކަވަމުންނެވެ.
ހޮސްޕިޓަލުގައި ކުރަމުންދާ މުޒާހަރާގެ ތެރެއިން–ފޮޓޯ: ވާހިދު
މީގެ އިތުރުން މުޒާހަރާގެ ބައިވެރިން ހޮސްޕިޓަލު ތެރެއަށް ވަދެ އަޑުގަދަ ކުރުމުގެ ސަބަބުން ހޮސްޕިޓަލަށް ދައްކަން އައިސް ތިބި ބަލި މީހުންނަށް ހިދުމަތް ދިނުމުގައި ބުރޫ އަރައި ވޯޑުތަކުގައި ތިބި މީހުންނަށް ދަނީ އުނދަގޫވަމުންނެވެ.
އަދި މިހާތަނަށް މުޒާހަރާގައި 1 ހައްޔަރުކުރިކަމުގެ މައުލޫމާތު ލިބެއެވެ. ނަމަވެސް ފުލުހުން އެމީހާ މިހާރު ވަނީ ދޫކޮށްލާފައިއެވެ.
މުޒާހަރާ ހުއްޓުވުމަށް ފުލުހުން މިހާތަނަށް އެއްވެސް މަސައްކަތެއް ކޮށްފައި ނުވާކަން ފާހަގަކޮށްލެވެއެވެ.
ހޮސްޕިޓަލުގައި ކުރަމުންދާ މުޒާހަރާގެ ތެރެއިން — ފޮޓޯ: ނާސިދު
މި މުޒާހަރާގައި 200 އެއްހާ މީހުން ބައިވެރިވަމުންދެއެވެ. އަދި ބައިވެރިންގެ އަދަދު އިތުރުވަމުންދާކަން ފާހަގަކޮށްލެވެއެވެ.