ފަރިޔާލުގެ މަރާ ގުޅިގެން މިއަދު ހަވީރު ކުރި މުޒާހަރާގެ ތެރޭގައި ކުޅުދުއްފުށީ ކައުންސިލްގެ ރައީސް އަލީ މުހައްމަދަށް ބަޔަކު ހަމަލާދީ މާރާމާރީ ހިންގައިފި އެވެ.
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް ދޮށަށް މީހުން އެއްވެ މިއަދު މުޒާހަރާ ކުރަމުން ދިޔަ ވަގުތު އަލީ މުހައްމަދު ވަނީ އޯޕީޑީގައި ހޮސްޕިޓަލްގެ އިސްވެރިންނާ ބައްދަލުކޮށްފަ އެވެ. އޭރު މުޒާހަރާގެ ބައިވެރިން ހޮސްޕިޓަލުގެ ދޮރުކުރިމަތީގައި މުޒާހަރާ ކުރަމުން ދިޔައެވެ. އަދި އަލީ މުހައްމަދު އެމީހުންނާ ވާހަކަ ދެއްކުމަށް ދިއުމަށް އެދުމުން، މުޒާހަރާގެ ބައިވެރިން ތިބި ސަރަހައްދަށް ދިއުމާއެކު ހިފަހައްޓާފައި ވަނީ 2 ފަހަރަށް ހަމަލާދީފައެވެ.
ނަމަވެސް ކުޑައިރުކޮޅެއްގެ ތެރޭގައި ފުލުހުންވަނީ އެތަނަށް ގޮސް، އަލީ އެމީހުންގެ ކައިރިން ސަލާމަތްކޮށް ހޮސްޕިޓަލުގެ ތެރެއަށް ވައްދާފައެވެ.
އޭގެ ފަހުން ބަޔަކު މީހުން ވަނީ މިރޭ އިރާކޮޅު ކައުންސިލްގެ ރައީސްގެ ގޭ ފުރާޅަށް ގައު އުކާފައެވެ. ނަމަވެސް މިހަމަލާގައި އެއްވެސް މީހަކަށް އަދި ތަކެއްޗަށް ގެއްލުން ލިބިފައިވާކަމެއް އެނގިފައެއް ނުވެއެވެ.