ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ މެނޭޖަރު މުހައްމަދު ހަސަން އަދި ތަޖުރިބާކާރު ޑޮކްޓަރު ރާއޯ މަގާމުން ދުރުކުރުމަށް ކުޅުދުއްފުށީ ކައުންސިލުން ހެލްތު މިނިސްޓަރުގެ އަރިހުން އެދެފިއެވެ.
ސިޒޭރިއަން ހެދުމުގެ ތެރޭގައި ސީރިއަސްވެ އައިޝަތު ފަރިޔާލް ނިޔާވި މައްސަލައިގައި ކުޅުދުއްފުށީގައި މުޒާހަރާ ކުރަމުން ދަނިކޮށް، ކައުންސިލްގެ ރައީސް އަލީ މުހައްމަދު ސޮއި ކުރައްވާ ހެލްތު މިނިސްޓަރ އިރުތިޝާމް އާދަމް އަށް ފޮނުވާފައިވާ ސިޓީގެ ކޮޕީއެއް ކުޅުދުއްފުށީ އޮންލައިނަށް ވަނީ ލިބިފައެވެ.
މިސިޓީގައި ކައުންސިލުން ބުނެފައި ވަނީ ވޭތުވެދިޔަ 4 މަސްދުވަހުގެ ތެރޭގައި ވިހެއުމާ ގުޅިގެން ހިނގާފައި ހުރި ގިނަ މައްސަލަތަކެއްގައި ރައްޔިތުންގެ އިހުސާސްތައް އޭގެ ހައްދުން ނެއްޓި ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ޖަމާވެ ރައްޔިތުންގެ ގިނަ ބަޔަކު ނުކުމެ ހޮސްޕިޓަލުގެ މެނޭޖަރެއް ކަމުގައިވާ މުހައްމަދު ހަސަން އާއި ޑޮކްޓަރު ރާއޯ މަގާމުން އިސްތިއުފާ ދެއްވުމަށް ދަންނަވަމުން ދާކަމަށެވެ.
“މިވަގުތު އެންމެ މަސްލަހަތު ހުރި ގޮތްކަމަށް އަޅުގަނޑަށް ފެންނަނީ ރައްޔިތުންގެ އެދުމުގެ ތެރެއިން މުހައްމަދު ހަސަނާއި ޑޮކްޓަރު ރާއޯގެ މަގާމު ތިޔަ މިނިސްޓްރީގެ ބެލުމުގެ ދަށުން ބަދަލު ކޮށްދެއްވުމަށެވެ.” ކައުންސިލްގެ ސިޓީގައި ވެއެވެ.
އަދި މިނިސްޓްރީގެ ނިންމުން ވީހާވެސް އަވަހަށް އަންގަވައި ދިނުމަށް ސިޓީގައި އެދިފައިވެއެވެ.