ސިޒޭރިއަން ހެދުމުގެ ތެރޭގައި ދިމާވި މައްސަތަކާއި ގުޅިގެން ލޭ މަނާނުވެ އޮވެ މަރުވި ކުޅުދުއްފުށީ ސިނަމާގެ އައިޝަތު ފަރިޔާލުގެ މަރުގެ މައްސަލަ ހާއްސަ ސަމާލުކަމެއްދީގެން ބަލަމުން އަންނަކަމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް(އެޗްއާރުސީއެމް) އިން ބުނެފި އެވެ.
“ކުޅުދުއްފުށި އޮންލައިނަށް” މައުލޫމާތު ދެމުން އެޗްއާރުސީއެމްގެ އޮފިޝަލަކު ވިދާޅުވީ ކުޅުދުއްފުށީ ހޮސްޕިޓަލުގައި ސިޒޭރިއަން ހެދުމުގެ ތެރޭގައި ދިމާވި މައްސަލައަކީ އެކޮމިޝަނުން އިސްނަގައިގެން ބަލަމުންދާ މައްސަލައެއް ކަމަށެވެ.
” އެ އިންސިޑެންޓަކީ އަޅުގަނޑުމެން އިސްނަގައިގެން ބަލަމުންދާ މައްސަލައެއް ” އޮފިޝަލު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ސިޒޭރިއަން ހެދި ޑޮކްޓަރަކީ ކޮންކަހަލަ ސްޕެޝަލިސްޓެއް ތޯ ބެލުމަށް މިއަދު އާންމު ފަރާތަކުންވެސް މައްސަލަ އެކޮމިޝަނަށް ހުށަހަޅާފައިވާ ކަމަށެވެ.
އެހެން ނަމަވެސް މައްސަލަ ތަހްގީގު ކުރެވުމުންދާތީ އިތުރު ތަފްސީލެއް އޭނާ ނުދެއްވި އެވެ.
ފަރިޔާލުގެ މަރުގެ މައްސަލަ އާއި ގުޅިގެން އިއްޔެ ވަނީ ކުޅުދުއްފުށީ ހޮސްޕިޓާ ތެރޭގައި ބަޔަކު އަޑުއުފުލާ މުޒާހަރާކޮށްފަ އެވެ.