ފަރިޔާލުގެ ސިޒޭރިއަން ހެދި ޑޮކްޓަރ ލުއިސް، ތަހުގީގަށް ދާދި ދެންމެއަކު މާލެ ފޮނުވާލައިފި އެވެ.
އޭނާ މާލެ ފޮނުވާލައިފި ވަނީ ފުލުހުންގެ އެހީތެރިކަމާ އެކު ކުޅުދުއްފުށި ސަރައްހަދީ ބަނދަރުންނެވެ.
އައިޝަތު ފަރިޔާލް ނިޔާވުމާ ގުޅިގެން އެ މައްސަލަ ހާއްސަ ސަމާލުކަމެއްދީގެން ބަލަމުން އަންނަކަމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް(އެޗްއާރުސީއެމް) އިން ބުނެފައިވެއެވެ.
“ކުޅުދުއްފުށި އޮންލައިނަށް” މައުލޫމާތު ދެމުން އެޗްއާރުސީއެމްގެ އޮފިޝަލަކު ވިދާޅުވީ ކުޅުދުއްފުށީ ހޮސްޕިޓަލުގައި ސިޒޭރިއަން ހެދުމުގެ ތެރޭގައި ދިމާވި މައްސަލައަކީ އެކޮމިޝަނުން އިސްނަގައިގެން ބަލަމުންދާ މައްސަލައެއް ކަމަށެވެ.
” އެ އިންސިޑެންޓަކީ އަޅުގަނޑުމެން އިސްނަގައިގެން ބަލަމުންދާ މައްސަލައެއް ” އޮފިޝަލު ވިދާޅުވި އެވެ.
ޑރ.ލުއިސް ފުރުވާލެވިފައިވަނީ ފުލުހުންގެ އެހީތެރިކަމާއެކު– ފޮޓޯ : ކުޅުދުއްފުށި އޮންލައިން
އޭނާ ވިދާޅުވީ ސިޒޭރިއަން ހެދި ޑޮކްޓަރަކީ ކޮންކަހަލަ ސްޕެޝަލިސްޓެއް ތޯ ބެލުމަށް މިއަދު އާންމު ފަރާތަކުންވެސް މައްސަލަ އެކޮމިޝަނަށް ހުށަހަޅާފައިވާ ކަމަށެވެ.
ފަރިޔާލުގެ މަރުގެ މައްސަލައާ ގުޅިގެން އިއްޔެ ކުޅުދުއްފުށީ ހޮސްޕިޓާ ތެރޭގައި ގިނަ ބަޔަކު އަޑުއުފުލާ މުޒާހަރާ ވެސް ވަނީ ކޮށްފައި އެވެ.
އަދި ކުޅުދުއްފުށި ކައުންސިލުން ހޮސްޕިޓަލާ ގުޅުންހުރި ގިނަ މައްސަލަތަކާ ގުޅިގެން ހެލްތު މިނިސްޓަރު އިރުތިޝާމް އާދަމް އަށް ސިޓީއެއް ފޮނުވާފައިވެއެވެ.