ފަރިޔާލު މަރުގެ މައްސަލަ ބަލައި ތަހުގީގު ކުރަން މާލެއިން ޓީމެއް ކުޅުދުއްފުއްޓަށް އަތުވެއްޖެއެވެ.
ޖުމްލަ ފަސް މެމްބަރުންގެ މައްޗަށް އެކުލެވޭ މި ޓީމުގައި ހެލްތު މިނިސްޓްރީގެ ބޭފުޅުންނާއި އައިޖީއެމްއެޗްގެ އިސް ޑޮކްޓަރުން ހިމެނެއެވެ. އަދި މިއަދު އެޓީމު ވަނީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ޒިޔާރަތް ކޮށްފައިއެވެ.
ސިޒޭރިއަން ހެދުމަށްފަހު ހާލު ސީރިއަސްވެ ނިޔާވި ފަރިޔާލުގެ މަރުގެ ތަހުގީގު ހާއްސަ ސަމާލުކަމެއްދީގެން ބަލަމުން އަންނަކަމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް(އެޗްއާރުސީއެމް) އިން ބުނެފައި ވެއެވެ.
ސިޒޭރިއަން ހެދި ޑޮކްޓަރަކީ ކޮންކަހަލަ ސްޕެޝަލިސްޓެއް ތޯ ބެލުމަށް އާންމު ފަރާތަކުންވެސް މައްސަލަ އެކޮމިޝަނަށް ހުށަހަޅާފައިވާ ކަމަށް އެ ފަރާތުން ބުނެފައިވެއެވެ.
އަދި މިނިސްޓްރީން ކުރިއަށްގެންދާ ތަހުގީގަށް، ފަރިޔާލުގެ ސިޒޭރިއަން ހެދި ޑޮކްޓަރު އިއްޔެ ވަނީ މާލެ ފޮނުވާލާފައެވެ.
މި ހާދިސާއާ ގުޅޭގޮތުން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން އަދި މިހާތަނަށް އެއްވެސް ވާހަކައެއް ދައްކާފައެއް ނުވެއެވެ.