twitterviber whatsapp telegramfacebookyoutube instagram
12th September 2025

ހދ ހޮނޑާފުށީގައި ހަދާ ރިސޯޓުގެ އޮޕަރޭޝަން އަންނަ މާރޗުމަހު ފެށޭތޯ މަސައްކަތް ކުރަނީ

Jan 13, 2016

ޓާގެޓަކީ އަންނަ މާރޗް މަހަށް އޮޕަރޭޝަނަށް ފެށޭވަރަށް ހދ ހޮނޑާފުށީގެ މަަސައްކަތް ނިންމުން ކަމަށް އެ ރިސޯޓްގެ މަސައްކަތް ހަވާލުކޮށްފައިވާ ތްރީއޭ ކޮމްޕެނީން ބުނެފި އެވެ.

އެ ކުންފުނީގެ ވެރިޔާ ހަމްޒާ ވިދާޅުވީ މިހާރު ރިސޯޓްގެ 80 ޕަސެންޓްގެ މަސައްކަތް ނިމިފައިވާ ކަމަށާއި ރިސޯޓް ހުޅުވޭއިރު އާންމުކޮށް ހުރިހާ ރިސޯޓުތަކުން ވެސް ލިބޭ ހިދުމަތްތަށް އެ ރިސޯޓުން ލިބެން ހުންނާނެ ކަމަށެވެ.

އެގޮތުން މިހާރު އޮޕަރޭޝަނަށް ހުޅުވުމަށް ކުރަންޖެހޭ މަސައްކަތް ކުރަމުން އަންނަ ކަމަށާއި އަދި ވެސް ބައެއް އިތުރު މަސައްކަތްތައް ކުރިއަށް ދާ ކަމަށް ހަމްޒާ ވިދާޅުވި އެވެ. އޭގެ ހޮނޑާފުއްޓަކީ ބޮޑު ރަށަކަށްވާއިރު ރިސޯޓް އޮޕަރޭޝަނަށް ހުޅުވުމަށްފަހުވެސް ރިސޯޓްގެ މަސައްކަތް ކުރިއަށްދާނެ ކަމަށް ހަމްޒާ ވިދާޅުވި އެވެ.

ހޮނޑާފުށި ހުޅުވުމަށް ހަމަޖެހިފައިވަނީ އެ ރިސޯޓްގެ 50 ޕަސެންޓްގެ މަސައްކަތް ނިންމުމަށް ފަހު އެވެ. އަދި ރިސޯޓްގެ ނުނިމިއޮތް ބައިގެ މަސައްކަތް ކުރިއަށްދާނީ ރިސޯޓް އޮޕްރޭޝަނަށް ހުޅުވުމަށް ފަހު އެވެ.

ހޮނޑާފުށީ އިމާރަތް ކުރުމުގެ ހުއްދަ ސަރުކާރުން ދީފައިވަނީ 12 ފެބްރުއަރީ 2006 ގަ އެވެ. ހޮނޑާފުށީގެ އެގްރީމެންޓް ކުރިއިރު އެ ރިސޯޓް ހުޅުވުމަށް ކަނޑައަޅާފައިވާ ތާރީހަކީ 21 ޖެނުއަރީ 2011 އެވެ.

މާޗް މަހު ހޮނޑާފުށި ރިސޯޓެއްގެ ގޮތުގައި ހުޅުވިއްޖެނަމަ މި ރިސޯޓް ވެގެންދާނީ ހދ އަތޮޅުގައި ހުޅުވޭ ފުރަތަމަ ރިސޯޓަށެވެ.

ހޮނޑާފުށީގެ އިތުރުންވެސް ހދ ގެ 5 ރަށެއް ރިސޯޓްގެ ގޮތުގައި ތަރައްގީ ކުރުމަށް ވަނީ މީގެ ކުރިން ހުޅުވާލާފަ އެވެ. އެހެންނަމަވެސް އެކަށީގެންވާ ތަރުހީބެއް ނުލިބުމުން އިއުލާން ބާތިލްކުރުމަށްފަހު މިހާތަނަށް އެ 5 ރަށާ މެދު ކަންތައް ކުރާނެ ގޮތެއް ސަރުކާރުން އަންގާފައެއް ނުވެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355