twitterviber whatsapp telegramfacebookyoutube instagram
18th May 2025

2628 ދަރިވަރުންނާ އެކު ކުޅުދުއްފުށީގައި ދިރާސީ އައު އަހަރު ފަށައިފި

Jan 13, 2016

2628 ދަރިވަރުންނާ އެކު ކުޅުދުއްފުށީގައި ދިރާސީ އައު އަހަރުގެ ކިޔެވުން މިއަދު ފަށައިފި އެވެ.

އަމީރު އަމީން ސްކޫލް ފިޔަވައި މިއަދު އެހެން ހުރިހާ ސްކޫލެއްގެ ކިޔެވުން ފެށިފައިވާ އިރު މިދިޔަ އަހަރާ ހިލާފަށް މި އަހަރު ޓީޗަރުންގެ މަދުވުމުގެ މައްސަލައެއް ސްކޫލަަކަށް ދިމާވެފައެއް ނުވެއެވެ.

މި އަހަރު އެންމެ ބޮޑު އާބާދީއާ އެކު ކިޔެވުން ފެށި ހދ އަތޮޅު ތައުލީމީ މަރުކަޒުގައި މި އަހަރު ޖުމްލަ 1074 ދަރިވަރުން ތައުލީމް ހާސިލް ކުރާނެއެވެ. އަދި އެސްކޫލްގައި ރަށުން ބޭރު 138 ދަރިވަރުން މި އަހަރު ތައުލީމް ހާސިލް ކުރާނެ އެވެ.

ޕްރީ ސްކޫލް ގްރޭޑް ތަކުން ފެށިގެން ގްރޭޑް 1 ން 10 އަށް ކިޔަވައިދޭ އަފީފުއްދީން ސްކޫލްގައި މިއަހަރު 718 ދަރިވަރުން ތައުލީމު ހާސިލު ކުރާއިރު އޭގެތެރެއިން 33 ދަރިވަރުންނަކީ ކުޅުދުއްފުށިނޫން އެހެން ރަށްރަށުގެ ދަރިވަރުންނެވެ.

ކުޅުދުއްފުށީ ސެކަންޑަރީ ސްކޫލް ކަމަށްވާ ޖަލާލުއްދީން ސްކޫލްގެ މި އަހަރު ތައުލީމު ހާސިލް ކުރާ ދަރިވަރުންގެ އަދަދު މިދިޔަ އަހަރަށް ވުރެ ދަށްކަން ފާހަގަ ކޮށްލެވެ އެވެ. މިދިޔަ އަހަރު އެސްކޫލްގައި ތައުލީމު ހާސިލުކުރި ޖުމްލަ 527 ދަރިވަރުންނެވެ. މި އަހަރު އެސްކޫލްގެ ޖުމްލަ އާބާދީއަކީ 486 ދަރިވަރުންނެވެ. އޭގެ ތެރެއިން 21 ދަރިވަރުންނަކީ ރަށުން ބޭރުން މުޅި އަލަށް ސްކޫލާއި ގުޅުނު ދަރިވަރުންނެވެ.

މި އަހަރު އަފީފުއްދީން އަދި ހދ އޭއީސީގެ ކިޔެވުން ފެށިފައި މިވަނީ ޕްރަމަރީ ދެ ގްރޭޑް ކަމަށްވާ އެލްކޭޖީ އަދި ޔޫކޭޖީއާއި ވެސް އެކުއެވެ.

އޭގެ އިތުރުން ދަ ލީޑިން ސްޓެޕް އިންޓަނޭޝަނަލް ޕްރީ ސްކޫލް ނަމުގައި މުޅިން އަލަށް ކުޅުދުއްފުށީގައި ހުޅުވި ސްކޫލުން ވަނީ 22 ދަރިވަރުންނާ އެކު މޮންޓަސޫެރީ މަންހަޖަށް މިއަދު ކިޔަވައިދޭން ފަށާފަ އެވެ. މި ސްކޫލްގައި ކިޔަވައިދެނީ މޮންޓަސޫރީ މަންހަޖަށް ރާއްޖެއިން ބޭރުން ޓްރެއިން ވެފައިވާ ޓީޗަރުންނެވެ.

2015 ވަނަ އަހަރާ ބަލާފައި މިއަހަރު ސްކޫލް ތަކުގައި ކިޔަވަމުންދާ އަދަދު ވަނީ މަދުވެފައެވެ. މިދިޔަ އަހަރު ސްކޫލްތަކުގެ ޖުމްލަ އާބާދީއަކީ 2670 އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355