ކުޅުދުއްފުށީ ހޮސްޕިޓަލުން ދޭ ހިދުމަތުގެ ފެންވަރު ދަށްވުމުގެ ސަބަބުން އެކަމާ ދެކޮޅަށް އިހުތިޖާޖުކުރުމުގެ ގޮތުން އަންނަ ހޮނިހިރު ދުވަހު ކުޅުދުއްފުށީގައި ބޮޑު އެއްވުމެއް ބާއްވަން ނިންމައިފި އެވެ.
ހޮނިހިރު ދުވަހު ހެނދުނު “ހޮނިހިރު ބާޒާރު” ސަރަހައްދު ކުރިއަށްގެންދަން ހަމަޖެހިފައިވާ މިމުޒާހަރާގައި ހއ، ހދ އަދި ށ އަތޮޅުން މީހުން ބައިވެރިވާނެ ކަމަށް މިކަމުގައި އިސްކޮށް އުޅޭ ފަރާތެއް ވަނީ ބުނެފަ އެވެ.
އޭނާ ބުނީ މި އަޑު އުފުލުމުގައި ހދ އަތޮޅުގެ ހުރިހާ ރަށެއްގެ މީހުން ބައިވެރިވުމުގެ އިތުރުން ހއ އާއި ށ އަތޮޅުގެ ރަށްތަކުން ވެސް އެދުވަހުގެ މުޒާހަރާގައި ބައިވެރިވުމަށް ކުޅުދުއްފުއްޓަށް އަންނާނެ ކަމުގެ ޔަގީންކަން ދީފައިވާ ކަމަށެވެ.
ސިޒޭރިއަން ހެދުމުގެ ތެރޭގައި ދިމާވި މައްސަލައިގައި ލޭ މަނާ ނުވެ އޮވެ އަންހެނަކު މަރުވި މައްސަލާގައި ކުޅުދުއްފުށީ ހޮސްޕިޓަލުގެ ކުރިމަތީގައި އަންނަނީ މުޒާހަރާކޮށް، އަޑު އުފުލަމުންނެވެ.
ސިޒޭރިއަން ހެދުމުގެ ތެރޭގައި ދިމާވި ކުޅުދުއްފުށީ، ފަރިޔާލު ނިޔާވި މައްސަލަ ހިއުމަން ރައިޓްސް ކޮމިޝަނުންނާއި ހެލްތް މނިސްޓްރީން އަންނަނީ ތަހުގީގު ކުރަމުންނެވެ.
މީގެ ކުރިންވެސް ކުޅުދުއްފުށީ ހޮސްޕިޓަލުން ދޭ ހިދުމަތުގެ ފެންވަރާމެދު ގިނަ ރައްޔިތުންނެއް ދިޔައީ އަޑު އުފުލަމުންނެވެ.