މިއަހަރުގެ ދިރާސީ އާ އަހަރުގެ ކިޔެވުން ފެށުނުއިރު އެކި ރަށްރަށުން ކުޅުދުއްފުށީގެ ސްކޫލުތަކަށް 209 ދަރިވަރަކު ވަނީ ބަދަލުވެފަ އެވެ.
އެގޮތުން މަތީ ސަނަވީ އަށް ކިޔަވައިދޭ ޖަލާލުއްދީން ސްކޫލަށް އެކި ރަށްރަށުން 21 ދަރިވަރަކު މިއަހަރު އަލަށް ވަދެފައިވެ އެވެ.އަދި ގުރޭޑް އެކަކުން ދިހައަކަށް ކިޔަވައިދޭ އަފީފުއްދީން ސްކޫލަށް ވަދެފައިވަނީ 33 ދަރިވަރުންނެވެ.
އަދި ކުޅުދުއްފުށީގައި ހުރި އެންމެ ދުވަސްވީ އެއް ސްކޫލުކަމަށްވާ ހދ އަތޮޅު ތައުލީމީ މަރުކަޒަށް އެހެން ރަށްރަށުން 138 ދަރިވަރަކު މި އަހަރު އަލަށް ބަދަލުވެފަވެ އެވެ.
ކުޅުދުއްފުށީ ކައުންސިލުން ހިންގަމުންދާ ޕްލޭ ސްކޫލުކަމަށްވާ އަމީރު އަމީން ސްކޫލަށް ރަށުން ބޭރު 17 ދަރިވަރަކު މިއަހަރު ތައުލީމް ހާސިލްކުރާނެ އެވެ.
އަތޮޅުތެރޭގެ ގިނަ ރަށްރަށުގައި ގްރޭޑް އަށެއް އުފެއްދުމާ ގުޅިގެން ކުޅުދުއްފުށީގެ ސްކޫލުތަކުގެ އާބާދީ އެންމެ ކުރިން ހުރި ވަރަށްވުރެ ދަށްވި އެވެ. ނަމަވެސް އަނެއްކާވެސް، އެހެން ރަށްރަށުގެ ދަރިވަރުން ކުޅުދުއްފުށީގެ ސްކޫލުތަކަށް އަލަށް ވަންނަ އަދަދު އިތުރުވަމުން އަންނަކަން ފާހަގަކޮށްލެވެއެވެ.