ހދ އަތޮޅު ކައުންސިލާއި ކުޅުދުއްފުށީ ރަށު ކައުންސިލުން ހެލްތު މިނިސްޓްރީގެ ޓީމާ ބައްދަލު ކުރައްވައިފި އެވެ.
ރޭ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގައި ބޭއްވި މި ބައްދަލުކުރެއްވުމުގައި، ހޮސްޕިޓަލަށް މިހާރު ދިމާވެފައިވާ މައްސަލަތަކާއި އަދި އެފަދަ މައްސަލަތަށް ހައްލުކުރުމަށް ކުރެވެން ހުރި ކަންކަމާމެދު ވަނީ މަޝްވަރާ ކުރައްވާފަ އެވެ.
ކުޅުދުއްފުށީ އޮންލައިނަށް މައުލޫމާތު ދެއްވަމުން އަތޮޅު ކައުންސިލްގެ ރައީސް ހުސެއިން ޝަގީފް ވިދާޅުވީ މި ބައްދަލުވުމުގައި ހޮސްޕިޓަލުގެ ހިދުމަތްތަކުގެ ފެންވަރު މިހާރަށް ވުރެ ރަނގަޅު ކުރުމަށާއި މުވައްޒަފުންނަށް އެކަށީގެން ވާ ތަމްރީނުތައް ދިނުމަށް މަޝްވަރާ ކުރެވިފައިވާ ކަމަށެވެ.
އޭގެ އިތުރުން ޝަގީފް ވިދާޅުވެފައި ވަނީ ކައުންސިލްގެ ފަރާތުން މައިގަނޑު 10 ކަމެއް ހުށަހަޅާފައިވާނެ ކަމަށާއި އޭގެތެރެއިން އަންހެނުންގެ ހާއްސަ ތިން ޑޮކްޓަރުން ހޮސްޕިޓަލްގައި ދާއިމީ ގޮތެއްގައި ހުރެވޭނެ އިންތިޒާމެއް ހަމަޖައްސައި ދިނުމަށާއި ރީޖަނަލް ހޮސްޕިޓަލްގެ އިތުރުން ހދ އަތޮޅު ސިއްހީ މަރުކަޒުތަކުގެ މައްސަލަތަކަށް ވެސް އަލި އަޅުވާލާފައިވާނެ ކަމަށެވެ. މިނިސްޓްރީގެ ޓީމަށް ކައުންސިލުން ހުށަހަޅާފައިވާ ހުރިހާ މައްސަލައިގެ ތަފްސީލު ޝަގީފް ދެއްވާފައެއް ނުވެއެވެ.
އޭގެ އިތުރުން ހެލްތް މިނިސްޓްރީގެ ޓީމުން މައްސަަލަތަކާއި ބެހޭގޮތުން ސާފުކުރަން ޖެހޭ ކަންކަން ކައުންސިލްގެ ފަރާތުން ސާފުކޮށް މައުލޫމާތު ހޯދާފައިވާ ކަމަށާއި ހެލްތް މިނިސްޓީގައި އިސްކޮށް އުޅޭފަރާތްތަކަށް ހުށައަޅާވަ މައްސަލަތަށް އަލިއަޅުއްވާލާނެ ކަމަށް ހެލްތު މިނިސްޓްރީގެ ޓީމުން ވިދާޅުވެފައިވާ ކަމަށް ޝަގީފް ވިދާޅުވި އެވެ.
ހެލްތް މިނިސްޓްރީގެ މި ޓީމުގައި މިނިސްޓްރީގެ އިތުުރުން އައިޖީއެމްއެޗް ގެ އިސް ޑޮކްޓަރުން ވެސް ހިމެނެއެވެ. ޖުމްލަ ފަސް މެމްބަރުންގެ މައްޗަށް އެކުލެވޭ މި ޓީމު ކުޅުދުއްފުއްޓަށް އައިސްފައިވަނީ ފަރިޔާލްގެ މަރުގެ، މައްސަލައިގެ ތަހުގީގަށެވެ.