ސްވިމިން އެސޯސިއޭޝަންގެ އޮފް ދަ މޯލްޑިވެސްގެ ޑިވެލޮޕްމެންޓް ޕާޓްނަރަކަށް ދިރާގު ހަމައްޖައްސައިފި އެވެ.
މި އެއްބަސް ވުމުގައި ސޮއެއް ކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ދިރާގުގެ ޕަބްލިކް ރިލޭޝަންސް މެނޭޖަރ އިމްޖާދު ޖަލީލު ވިދާޅުވީ “ސްވިމިން ފަދަ ކުރިއަރަމުން އަންނަ ކުޅިވަރެއް ރާއްޖޭގައި އިތުރަށް ކުރިއެރުވުމަށް އެހީތެރިވުމުގެ ފުރުސަތު ދިރާގަށް ލިބުނީތީ އުފާކުރާ ކަމަށާއި އެ ފަރާތުގެ އެއްބާރުލުން ކުރިޔަށް އޮތް 2 އަހަރު ތެރޭގައި މާލެއާއި ރާއްޖެތެރޭގެ އިތުރުން ރާއްޖެއިން ބޭރުގައި ބާއްވާ ހަރަކާތްތަކުގައި ލިބިގެން ދާނެ ކަމަށެވެ. އަދި މިއީ ޒުވާން ކުދިންނާއި ކުޅިވަރު ތަރައްގީ ކުރުމަށް ދިރާގުން އަބަދުވެސް ދެމުންގެންދާ ސަމާލުކަމުގެ ތެރެއަށް އިތުރުވެގެންދާ ބޮޅެއް ކަމަށް ޖަލީލު ވިދާޅުވިއެވެ.
ސްވިމިން ތަރައްގީ ކުރުމާއި ފެތުންތެރިން ބިނާ ކުރުމުގެ ތަފާތު ޕްރޮގުރާމްތައް މާލޭގެ އިތުރުން ރާއްޖޭގެ އެކި ކަންކޮޅު ތަކުގައި ހިންގުމަށް ހަމަޖެހިފައިވާ ކަމަށް އެ އެސޯސިއޭޝަނުން ބުނެއެވެ. އަދި މި ހަރަކާތްތައް ރާވަން ހަމަޖެހިފައި ވަނީ އެ އެސޯސިއޭޝަނާއި ޔޫތު މިނިސްޓްރީ އަދި އެހެނިހެން ފަރާތްތަކާ ގުޅިގެންނެވެ.
ސްވިމިން އެސޯސިއޭޝަނުގެ ރައީސް މުހައްމަދު އަބްދުއްސައްތާރު ވިދާޅުވީ ކުރިމަގުގައި ﷲގެ އިރާދުފުޅާއެކު ދިރާގު ފަދަ ކުންފުނިތަކުގެ އެހީތެރިކަމާއެކު ފެތުންތެރިންނަށް ދެވޭ ތަމްރީންތައް އިތުރުކޮށް ކާމިޔާބީތައް އިތުރުކުރެވޭނެ ކަމަށް އުންމީދު ކުރާ ކަމަށެވެ.
ޒުވާނުންނާއި ފުރާވަރުގެ ކުދިންނަށް މި ކުޅިވަރުގައި އިތުރަށް ކުރިއަރައި ދިޔުމުގެ ފުރުސަތުތަކެއް ތަނަވަސްވެ، އެ ކުޅިވަރު ރާއްޖޭގައި އިތުރަށް ފުޅާވެގެނިދިޔުމީ ދިރާގުން އުންމީދު ކުރާ ކަމަށް އެ ކުންފުނިން ބުނެއެވެ.