ކުޅުދުއްފުށީ ކައުންސިލުން ހިންގާ އަމީރު އަމީން ސްކޫލްގެ ޔުނީފޯމް 15 ދުވަސްތެރޭގައި ދަރިވަރުންނަށް ފޯރުކޮށްދެވޭވަރު ވާނެ ކަމަށް ކައުންސިލުން ވިދާޅުވެއްޖެ އެވެ.
ކަައުންސިލްގެ ރައީސް އަލީ މުހައްމަދު “ކުޅުދުއްފުށި އޮންލައިނަށް” ވިދާޅުވީ ސްކޫލު ހުޅުވުމަށް ހަމަޖެހުނު ދުވަަހަށް ޔުނީފޯމްތަށް ލިބުނު ނަމަވެސް ޔުނީފޯމް ފެހުމުގައި މިންތަކުގައި މައްސަލަ އުޅޭތީ ސްކޫލް ހުޅުވުނު ދުވަހަށް ދަރިވަރުންނަށް ޔުނީފޯމް ހަވާލު ނުކުރެވުނީ ކަމަށެވެ.
މި މައްސަލައަށް ވަގުތީ ހައްލެ ހޯދުމަށް ކައުންސިލްގެ ފަރަތުން ހުރިހާ ދަރިވަރުންނަށް ވަގުތީ ޔުނީފޯމެއްގެ ގޮތުގައި ހުދު ޓީޝާޓް ދިނުމަށް ހަމަޖެހިފައިވާ ކަމާއި އެގޮތުން ކުޅުދުއްފުށިން އެހާ ގިނަ އަދަދެއްގެ ޓީޝަޓް ލިބެން ނެތުމުން މާލެއިން އެތަކެތި ގެނައުމުގެ މައްސަކަތް ކުރަމުން އަންނަ ކަމަަށް އަލީ މުހައްމަދު ވިދާޅުވި އެވެ.
އޭގެ އިތުރުން މި ހަފްތާގެ ތެރޭގައި ޓީޝާޓްތަށް ލިބޭނެ ކަމަށާއި އަދި ޔުނީފޯމްގެ މައްސަލަ ހައްލު ކުރުމަށް ބިޑް ކާމިޔާބު ކުރި ފަރާތާއެކު މަޝްވަރާ ކުރެވެމުން ދާ ކަމަށާއި އުންމީދަކީ ކުރިއަށް އޮތް ދިހައެއް ނުވަތަ ފަނަރަ ދުވަހުގެ ތެރޭގައި ކޮންމެ ކުއްޖަކަށް ޔުނީފޯމެއް ހަމަކޮށްދިނުން ކަމަށް އަލީ މުހައްމަދު ވިދާޅުވި އެވެ.
ސްކޫލް ހުޅުވެން ވާއިރަށް ޔުނީފޯމްގެ މައްސަލަ ފިޔަވާ އެހެން ހުރިހާ ކަމެއް ހުރީ ތައްޔާރުވެފަ ކަމަށާއި އަދި ބެލެނިވެރިންގެ ކަންބޮޑުވުންތަކާ އެކުވެސް އެބޭފުޅުން ދެއްވި ތާއީދަށް ޝުކުރުވެރި ވާކަަމަށްވެސް އަލީ މުހައްމަދު ވިދާޅުވި އެވެ.
މިއަހަރަށް އަމީރު އަމީން ސްކޫލްގެ ޔުނީފޯމް ފަހާފައިވަނީ ރާއްޖެއިން ބޭރުންނެވެ. ގަމީހާ ސޯޓާއެކު ޔުނީފޯމް 150ރ. އަށް ލިބެން ހުންނާނެ ކަމަށާއި ފުރަތަމަ އިސްކަމެއް ދޭނީ ކޮންމެ ކުއްޖަކަށް ޔުނީފޯމެއް ހަމަކުރުމަށް ކަމަށް ކައުންސިލުން މައުލޫމާތު ދެއެވެ. އަދި އެއަށްފަހު ބެލެނިވެރިން ބޭނުންވާ ވަރަށް ގަންނަން ލިބެން ހުންނަ ވަރަށް ޔުނީފޯމް ގެނައުމަށް ހަމަޖެހިފައިވާ ކަމަށްވެސް ކައުންސިލުން މައުލޫމާތު ދެއެވެ.