twitterviber whatsapp telegramfacebookyoutube instagram
14th July 2025

ގިނަ އަދަދެއްގެ މަސްތުވާތަކެތި ހޯދައި ކުޅުދުއްފުށިން މީހަކު ހައްޔަރުކޮށްފި

Jan 19, 2016

ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައި ގިނަ އަދަދެއްގެ މަސްތުވާ ތަކެތި ހޯދައި ކަމާ ގުޅުން ހުރި މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނުގައި މަސްތުވާ ތަކެއްޗާއެކު ކުޅުދުއްފުށިން ހައްޔަރުކޮށްފައިވަނީ 42 އަހަރުގެ ފިރިހެނެއް ކަމަށެވެ.

ފުލުހުން ބުނިގޮތުގައި މިދިޔަ އާދިއްތަ ދުވަހުގެރޭ އިރާކޮޅު ހައްޔަރުކުރި އެމީހާ ފުލުހުންގެ ބެލުމުގެދަށަށް ގެންގޮސް ފާސްކުރިއިރު އޭނާލައިގެން ހުރި ސޯޓުގެ ޖީބުން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް އަޅާފައި ހުރި 12 ޕެކެޓް ފެނިފައިވާއިރު އޭނާ ދިރިއުޅޭ ކޮޓަރި ތެރެއިން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް އަޅާފައި ހުރި 80 ސެލޯފިންކޮޅު ފެނިފައިވާ ކަމަށެވެ.

ތަހުގީގު ކުރަމުން އަންނަ މައްސަލައަކަށް ވާތީ ހައްޔަރުކުރި މީހާއާ ބެހޭ ތަފްސީލެއް ފުލުހުން ނުދެއްވަ އެވެ. އެހެންނަމަވެސް މިނޫހަށް އެނގިފައިވާ ގޮތުގައި މިމައްސަލައިގައި ހައްޔަރުކޮށްފައިވަނީ ކުޅުދުއްފުށި ގޯނބުލިގަސްދޮށުގެ، އަލީ މުހައްމަދެވެ. އޭނާ ވަޒީފާ އަދާކުރަމުންދަނީ ސަރުކާރުގެ ފެން ކުންފުނީގަ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވިގޮތުގައި އޭނާގެ ބަންދުގެ މުއްދަތަށް ކުޅުދުއްފުށީ ކޯޓުން އިއްޔެވަނީ 7 ދުވަސް ޖަހާފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355