ކުޅުދުއްފުށީ އުތުރު ބަނދަރު ސަރަހައްދުން ވިޔަފާރި އުސޫލުން ބިން ދޫކުރަން ހަމަޖެހިފައިވާ ކަމަށް ކައުންސިލުގެ ރައީސް ވިދާޅުވެއްޖެ އެވެ.
“ކުޅުދުއްފުށި އޮންލައިނަށް” މައުލޫމާތު ދެއްވަމުން ކައުންސިލުގެ ރައީސް އަލީ މުހައްމަދު ވިދާޅުވީ ބިން ދޫކުރަން ހަމަޖެހިފައިވަނީ އެސްޓީއޯގެ ގޭސް ގުދަނާއި ދަތުރު ހިޔާއާ ދޭތެރޭއިން ކަމަށެވެ.
ރައީސް ވިދާޅުވީ އެ ސަރަހައްދުން ބިން ދޫކުރަން ހަމަޖެހިފައިވަނީ ތެލާއި ގޭހަށް ހާއްސަކޮށްގެން ކަމަށާއި އެހެން ނަމަވެސް އިތުރު ވިޔަފާރިތަކަށް ބިން ދޫކުރާނެ ކަމަށެވެ.
އެސަރަހައްދުން 2000 އަކަފޫޓްގެ 12 ބިން ކުއްޔަދިނުމަށް ހަމަޖެހިފައިވެ އެވެ. އަލީ ވިދާޅުވީ އެކަމަށް ބޭނުންވާ ހުއްދަތައް ސަރުކާރުން މިހާރު ލިބިފައިވާ ކަމަށާއި އުއްމީދަކީ ފެބްރުއަރީ މަހުގެ ތެރޭ އިއުލާން ކުރުން ކަމަށެވެ.
” ކައުންސިލާއި މިނިސްޓްރީއާ ދެމެދު ކުރެވުނު މަޝްވަރާތަކަކަށް ފަހު އެ ހުއްދަ ވަނީ ދެއްވާފަ. އުއްމީދު ކުރަނީ ފެބްރުއަރީމަހު ތެރޭގައި ބިޑަށް ލެވޭނެ ކަމަށް ” ކައުންސިލުގެ ރައީސް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މިހާރު ކުރަމުންދަނީ އިދާރީ ގޮތުން ނިންމަން ޖެހޭ ކަންތައްތައް ކުރުން ކަމަށާއި އެމަސައްކަތް ނިމުނުހާ އަވަހަކަށް ބިން ދޫކުރުމުގެ މަސައްކަތް ފެށޭނެ ކަމަށެވެ.