އައިޝަތު ފަރިޔާލުގެ މަރުގެ މައްސަލައާ ގުޅިގެން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ ސިއްހީ ހިދުމަތުގެ ފެންވަރު ބެލުމަށް ހެލްތް މިނިސްޓްރީން އިސްނަގައިގެން ހެދި އެސިސްމެންޓުން، އެ ހޮސްޕިޓަލުގެ ގިނަ މައްސަލަތަކެއް ފާހަގަ ކުރެވިފައިވާ ކަމަށް ހެލްތް މިނިސްޓްރީން ވިދާޅުވެއްޖެ އެވެ.
“ހަވީރަަށް” ދީފައިވާ އިންޓަވިއުއެއްގައި ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. އަބްދުﷲ ވަހީދު ވިދާޅުވެފައިވަނީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން ސިއްހީ ހިދުމަތް ފޯރުކޮށް ދިނުމުގައި ގިނަ މައްސަލަތަކެއް ހުރި ކަން ފާހަގަކުރެވިފައިވާ ކަމަށެވެ.
އެގޮތުން ހޮސްޕިޓަލްގައި މުހިންމު ވަސީލަތްތައް މަދުވުމާއި މުވައްޒަފުންގެ ތަމްރީނުތައް އެކަށީގެންވާ ގޮތެއްގައި ކުރިއަށް ނުގެންދެވުމާއި ހޮސްޕިޓަލްގެ މެނޭޖްމަންޓުގެ ފެންވަރު ދަށްކަމާއި އަދި ސްޕެޝަލިސްޓުން މަދުވުމުގެ އިތުރުން ބްލަޑް ބޭންކުގެ ހިދުމަތް ވެސް އެކަށީގެންވާ ގޮތެއްގައި ނުދެވޭ ކަންވެސް ފާހަގަ ކުރެވުނު ކަމަށް އަބްދުﷲ ވަހީދު ވިދާޅުވެފައި ވެއެވެ.
އަބްދުﷲ ވަހީދު ވިދާޅުވީ، އެސެސްމަންޓުގެ ނަތީޖާ އިން ފާހަގަ ކުރެވުނު ކަންކަން ރަނގަޅު ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.
އޭގެ އިތުރުން ފަރިޔާލަށް ކުޅުދުއްފުށީ ހޮސްޕިޓަލްގައި ފަރުވާ ދިން ޑޮކްޓަރު މާލެ ގެންގޮސްފައިވާ އިރު އެ ޑޮކްޓަރުގެ އެސެސްމެންޓެއް އައިޖީއެމްއެޗުގައި މިހާރު ވެސް ކުރިއަށްދާ ކަމަށާއި އެސެސްމަންޓްގެ ނަތީޖާ އަދި ނުލިބޭ ކަމަށް އަބްދުﷲ ވަހީދު ވިދާޅުވި އެވެ.