ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ މެނޭޖްމެންޓް ބަދަލު ކުރުމުގެ އަމާޒެއް ގެންގުޅުއްވާ ކަމަށް ހެލްތް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ޑރ އަބްދުﷲ ވަހީދު ވިދާޅުވެއްޖެ އެވެ.
“ކުޅުދުއްފުށި އޮންލައިނަށް” މައުލޫމާތު ދެއްވަމުން އަބްދުﷲ ވަހީދު ވިދާޅުވީ ކުޅުުދުއްފުށީ ހޮސްޕިޓަލުގައި މިހާރި އޮތް މެނޭޖްމެންޓަކީ ކުދި ރަށްރަށުގައި ހުންނަ ހެލްތް ސެންޓަރުތަކުގައި އޮންނަ ކަހަލަ މެނޭޖްމެންޓް ސްޓަރަކްޗާއެއް ކަމަށާއި އެހެން ކަމުން މާލޭގެ ހޮސްޕިޓަލުތަކުގައި ހުންނަ ގޮތަށް މެޑިކަލް ޑައިރެކްޓަރއަކާއި އެޑްމިނިސްޓްރޭޓިވް ޑައިރެކްޓަރ ހިމަނަިއގެން މެނޭޖްމެންޓްގެ ސްޓްރަކްޗާ ބަދަލު ކުރުމުގެ އަމާޒެއް ގެންގުޅުއްވާ ކަމަށެވެ.
ހެލްތް މިނިސްޓްރީން އިސްނަގައިގެން އެ މިނިސްޓްރީއާއި އައިޖީއެމްއެޗް ގެ އިސް ޑޮކްޓަރުންގެ ޓީމެއް ކުޅުދުއްފުށީ ހޮސްޕަލަށް ވަނީ ޒިޔާރަތްކޮށްފަ އެވެ. މި ޓީމުން ކުޅުދުއްފުށީ ހޮސްޕިޓަލަށް ގޮސް ފާހަގަކޮށްފައިވާ މައްސަލަތަކުގެ ތަފްސީލް ދެއްވަމުން އަށް ކަމެއް ޑރ އަބްދުﷲ ފާހަގަކުރެއްވި އެވެ.
އެގޮތުން މެނޭޖްމެންޓްގެ ފެންވަރު ދަށްވުމާއި، އައިސީޔޫއަށް ބޭނުންވާ ވަސީލަތްތައް ނެތުމާއި، އެކަށީގެންވާ ވަރަށް ޑޮކްޓަރުން އަދި ނަރުހުން މަދުވުމާއި، ވަކިން އެމަޖެންސީ ރޫމެއްގެ ހަމަޖެހިފައިނެތުމާއި، އޮފަރޭޝަން ތިއޭޓަރުގެ ފެންވަރުދަށްވުމާއި، ބްލަޑް ބޭންކްގެ ހިދުމަތް ލިބެން ނެތުމާއި، އަދި މުވައްޒަފުންނަށް ބޭނުންވާ ވަރަށް ތަމްރީން ދެވިފައިނެތުމުގެ އިތުރުން ސާފުތާހިރު ކަމުގައިވެސް ބައެއް މައްސަަލަ އުޅޭކަމަށް ޑރ އަބްދުﷲ ވިދާޅުވި އެވެ.
އޭގެ އިތުރުން ޑރ އަބްދުﷲ ވިދާޅުވީ ހޮސްޕިޓަލަށްދިމާވެފައިވާ މައްސަލަތަށް ހައްލުކުރުމުގެ މައްސަކަތް ފަށާފައިވާނެ ކަމަށާއި މައްސަަލަތައް ހައްލު ކުރުމަށް ގިނަ ދުވަސްތަކެއް ނުނަގާނެ ކަމަށެެވެ.
އޭގެ އިތުރުން އައިޝަތު ފަރިޔާލްގެ ސިޒޭރިއަން ހެދި ޑޮކްޓަރުގެ ތަހުގީގު އެއްކޮށް ނުނިމޭ ކަމަށާއި އުންމީދަނީ ތަހުގީގު އަވަހަށް ނިންމާލުން ކަމަށާއި މި މައްސަަލާގައި އެއްވެސް މިހަކާމެދު ފިޔަވަޅު އަދި އަޅާފައި ޑރ. އަބްދުﷲ ވަހީދު ވިދާޅުވި އެވެ.