ދިރާގުން “ޕިކް މީ އަޕް ސާވިސް”ގެ ނަމުގައި ރާއްޖެއަށް މުޅިން އައު ހިދުމަތެއް ތައާރަފްކޮށްފިއެވެ.
މި ހިދުމަތަކީ ކްރެޑިޓް ދަށްވުމުގެ ސަބަބުން ނުވަތަ ކޯލްކުރުމަށް ދަތި ވަގުތުގައި ފަސޭހަ ކަމާއެކު އެ ކަސްޓަމަރަކު ބޭނުންވާ ފަރާތަކަށް ބަލައި އައިސް ދިނުމަށް އެދި ހިލޭ މެސެޖެއް ފޮނުވާލެވޭ ހިދުމަތެކެވެ. މި ހިދުމަތް ދިރާގުގެ ޕޯސްޓްޕެއިޑް އަދި ޕްރީޕެއިޑްގެ ކަސްޓަމަރުންނަށް ބޭނުން ކުރެވޭނެ ކަމަށް އެ ކުންފުނިން ބުނެއެވެ.
އެގޮތުން މި ހިދުމަތް ލިބިގަތުމަށްޓަކައި #200* އަށް ޑައިލް ކުރުމުން ލިބިލައްވާ މެނޫގައި، މެސެޖް ލިބެންވީ ފަރާތުގެ މޮބައިލް ނަންބަރާއި ބަލައި އަންނަންވީ ތަން، އަދި މީގެ އިތުރުން 48 ކެރެކްޓަރަށް ވުރެ ދިގުނުވާނެ ގޮތަށް، ބަލާ އަންނަންވީ ގަޑިވެސް ލިޔެލެވޭނެއެވެ.
މީގެ އިތުރުން މި ހިދުމަތް މެދުވެރިކޮށް ދިރާގު މޮބައިލްގެ އިތުރުން އެހެން ނެޓްވޯކްގެ ނަންބަރުތަކަށްވެސް ޕިކް މީ އަޕް ރިކުއެސްޓް ފޮނުވޭނެ ކަމަށާއި ކޮންމެ ދިރާގު ކަސްޓަމަރަކަށް ދުވާލަކު 5 ރިކުއެސްޓް ވަރަށް ފަސޭހަ ކަމާއެކު ފޮނުވޭނެ ކަމަށް ދިރާގުގެ ޕްރޮޑަކްޓް މެނޭޖަރ މޯބައިލް ސާވިސަސް ޑިވެލޮޕްމެންޓް އަހުމަދު އިޝާން ވިދާޅުވިއެވެ.
ދިރާގު ޕިކް މީ އަޕް ސާވިސް ލޯންޗުކުރުމަށް އިއްޔެ އެ ކުންފުނީގެ ހެޑް އޮފީހުގައި ބޭއްވި ހަފްލާގައި ޕަބްލިކް ރިލޭޝަންސް މެނޭޖަރު އިމްޖާދު ޖަލީލާއި ޕްރޮޑަކްޓް މެނޭޖަރު، މޮބައިލް ސާވިސަސް ޑިވެލޮޕްމެންޓް އަޙްމަދު އިޝާން މައުލޫމާތު ދެނީ — ފޮޓޯ: ދިރާގު
އިއްޔެ ތައާރަފް ކުރެވިގެންދިޔަ މި ހިދުމަތާއި ގުޅޭގޮތުން ދިރާގުގެ ޕަބްލިކް ރިލޭޝަންސް މެނޭޖަރު އިމްޖާދު ޖަލީލު ވިދާޅުވީ ދިރާގުން އަބަދުވެސް މަސައްކަތް ކުރަމުން މި ގެންދަނީ ޒުވާނުންނާއި ގުޅުންހުރި، ޒަމާނީ، އިނޮވޭޓިވް ހިދުމަތްތަކެއް ތައާރަފް ކުރުމަށް ކަމަށާއި ދިރާގުން އުންމީދު ކުރަނީ މި ހިދުމަތަކީ މިހާރު އެކުންފުނިން ދެމުންގެންދާ ‘ކޯލް މީ ބެކް’ ހިދުމަތް ފަދައިން ޒުވާނުންގެ މެދުގައި މަޤްބޫލް ހިދުމަތަކަށް ވެގެންދާނެ ކަމަށެވެ.
ދިރާގުން މިހާރުވެސް ޔޫއެސްއެސްޑީ ކޯޑް މެދުވެރިކޮށް ދަނީ ތަފާތު ބެނުންހުރި ހިދުމަތްތަކެއް ފޯރުކޮށްދެމުންނެވެ. އެގޮތުން ‘ކޯލް މީ ބެކް’ ހިދުމަތާއި ކަސްޓަމަރ ސާވިސްގެ ހިދުމަތް #123* މެދުވެރިކޮށް ދެމުންގެންދެއެވެ.