ކުޅުދުއްފުށީ ބޯޒިޔާރަތް ސަރަހައްދުގައި އާޓިފިޝަލް ބީޗް ހަދައި އެސަރަހައްދުގެ ގޮނޑުދޮށް ހިމާޔަތްކުރުމަށް ހިންގާ މަޝްރޫއުގެ އަމަލީ މަސައްކަތް އިއްޔެ ފަށައިފި އެވެ.
މިމަޝްރޫއުއަކީ ކެޕިޓަލް އިންވެސްޓްމެންޓް އެންޑް ފިނޭންސް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްގެން ކުރިއަށްގެންދާ މަޝްރޫއު އެވެ.
“ކުޅުދުއްފުށި އޮންލައިނަށް” މައުލޫމާތު ދެއްވަމުން ކުޅުދުއްފުށީ ކައުންސިލް މެމްބަރު އިބުރާހިމް ރަޝީދު ވިދާޅުވީ ބޯޒިޔާރަތް ސަރަހައްދުގައި ހަދަން ހަމަޖެހިފައިވާ އާޓިފިޝަލް ބީޗާއި އެސަހަރައްދު ގިރަމުން ދާތީ އެކަން ހައްލުކުރުމަށް ހިންގަން ހަމަޖެހިފައިވާ މަޝްރޫއު ކަމަށެވެ.
މިމަޝްރޫއުގެ އަމަލީ މަސައްކަތް ފެށިފައިވާއިރު މަސައްކަތް ބޭނުންވާ ބައެއް ސާމާނު ވަނީ ގެނެސްފަ އެވެ. އަދި ބޭނުންވާ އިތުރު ސާމާނުތައް ގެންނަމުންދާ ކަމަށް އިބްރާހިމް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ މިމަޝްރޫއުގެ މަސައްކަތް ހަވާލުކޮށްވަނީ 1 އަހަރު ދުވަހަށް ކަމަށެވެ.
ބޯޒިޔާރަތް ސަރަހައްދު. މިސަރަހައްދު ތަރައްޤީކުރެވިގެންދާއިރު އާޓިފިޝަލް ބީޗެއް ހަދަން ވަނީ ހަމަޖެހިފަ–ކުޅުދުއްފުށި އޮންލައިން ފޮޓޯ
މޫދަށް އެރޭ ސަރަހައްދުގެ ގޮތުގައި 60 ފޫޓާއި 100 ފޫޓްގެ ސަހަރައްދެއް ހެދިގެން ދާއިރު ބީޗްގެ ގާތައް ނަގައި އެތަނަށް ވެލި އަޅައި ރީތި ކުރެވިގެންދާނެ އެވެ.
އެސަރަހައްދުގެ ގިރުން ހުއްޓުމުގެ ގޮތުން ބޭރު ތޮށިން ކުޑަ ތަންކޮޅެއް އެތެރެއަށް ވާގޮތަށް ވޯޓާ ބުރޭކަކާއެކު 710 މީޓަރުގެ ރިވެޓްމެންޓެއް ޖެހުމަށް ވަނީ ހަމަޖެހިފަ އެވެ.
އެގޮތުން އެ ސަރަހައްދުގައި ޖުމްލަ ތިން ވޯޓާ ބުރޭކެއް ލުމަށް ހަމަޖެހިފައިވެ އެވެ. އެއީ 120 މީޓަރުގެ ވޯޓާ ބުރޭކަކާއި 140 މީޓަރުގެ ވޯޓާ ބުރޭކަކާއި ރިވެޓްމެންޓާ އެކު ޖެހުމަށް ހަމަޖެހިފައިވާ 450 މީޓަރުގެ ވޯޓާ ބުރޭކެކެވެ. ކޮންމެ ވޯޓާ ބުރޭގެ ގެ ދެމެދުގައި 18 މީޓާރާއި 20 މީޓަރުން ހުންނާނެ އެވެ.
ރިވެޓްމެންޓް ޖެހުމަށް ހަމަޖެހިފައިވަނީ ބޯޒިޔާރަތް ސަރަހައްދުން ފެށިގެން އިންޖީނުގެ ސަރަހައްދާ ހަމައަށެވެ. މި ޕްރޮޖެކްޓްގެ ދަށުން ކުޅުދުއްފުށީ މަސްމާރުކޭޓް ސަރަހައްދުގެ އުތުރު ސަރަހައްދުވެސް ހެދުމަށް ހަމަޖެހިފަވެ އެވެ.