އެސްޓީއޯއިން ވިއްކަމުން ގެންދިޔަ ގޮދަން ފުށުގައި ސިއްހަތަނަށް ނުރައްކާވާ ފަދަ މާއްދާއެއް ނެތް ކަމަށް ހެލްތު މިނިސްޓްރީން ބުނެފި އެވެ.
އެސްޓީއޯ އިން ރާއްޖެ އެތެރެކޮށް ވިއްކަމުންދިޔަ ގޮދަން ފުށުގައި ސިއްހަތަނަށް ނުރައްކާވާ ފަދަ މާއްދާއެއް ހުރި ކަމަށް ބުނެ ވިއްކުން ހުއްޓާލި ނަމަވެސް މައްސަލަ ޖެހުނު ގޮދަން ފުށުގައި ސިއްހަތަށް ނުރައްކާވާފަދަ އެއްވެސް މާއްދާއެއް ނެތް ކަމަށް ހެލްތް މިނިސްޓްރީން ބުނެފައި ވަނީ އެ މިނިސްޓްރިން ނެރުނު އިއުލާނެއްގަ އެވެ.
ހެލްތް މިނިސްޓްރީން ހަދަން ޖެހޭ ޓެސްޓްތައް ހެދުމަށްފަހު އެމިނިސްޓްރީން ކޮށްފައިވާ މިއިއުލާންގައި ބުނެފައިވަނީ ގޮދަން ފުށުގައި ހަރު އެއްޗެއް ހުރުމުގެ ސަބަބުން އެތަކެތި ވިއްކުން މަނާކުރި ނަމަވެސް އެސްޓީއޯ އިން ވިއްކި ގޮދަން ފުށުން އާންމު ސިއްހަތަށް ގެއްލުންވާ ފަދަ މާއްދާއެއް ފެނިފައި ނުވާ ކަމަށެވެ.
އެސްޓީއޯ އިން ވިއްކަމުން ދިޔަ ގޮދަން ފުށުގައި މައްސަލައެއް އުޅޭ ކަަމަށް ބުނެ ސޯޝަލް މީޑިއާގައި މެސެޖުތަކެއް ދައުރުވާން ފެށުމުން އެސްޓީއޯ އިން އެންމެ ފުރަތަމަ އެ ވާހަކަތައް ދޮގުކުރި އެވެ. ނަމަވެސް ފަހުން މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގައި އެސްޓީއޯ އިން ވަނީ މައްސަލަ ޖެހުން ފުށް ވިއްކުން ހުއްޓާލާފަ އެވެ.
އަދި މައްސަލަޖެހިފައި ހުރި ފުށް ގަނެފައިވާ މީހުންނަށް ބަދަލު ދޭނެ ކަމަށް ވެސް އެސްޓީއޯ އިން ވަނީ އިއުލާން ކޮށްފަ އެވެ.