އެހެން އަހަރުތަކެކޭވެސް އެފަދައިން މިދުވަސް ވަރަކީ ގިނަ އަދަދެއްގެ ހިޖްރަކުރާ ދޫނި ރާއްޖެ އަންނަ ދުވަސް ވަރެއް ކަމަށާއި އެފަދަ ދޫނިތައް ހިފާ ހައްޔަރުކޮށް ގޯނާކުރާ ފަރާތްތަކާ މެދު ފިޔަވަޅު އަޅާނެ ކަމަށް އެންވަރމެންޓް ޕްރޮޓެކްޝަން އޮތޯރިޓީ(އީޕީއޭ) ބުނެފި އެވެ.
އީ.ޕީ.އޭ އިން ނެރުއްވާފައިވާ ނޫސްބަޔާނެއްގައި ބުނެފައިވަނީ މިދުވަސްވަރަކީ އެހެނިހެން އަހަރުތަކެކޭ އެއްފަދައިން ދުނިޔޭގެ އެކިކަންކޮޅުތަކުން ވަރަށް ގިނަ ބާވަތެއްގެ ދޫނި ރާއްޖެއަށް ހިޖުރަކުރަމުންދާ ދުވަސްވަރުކަމަށެވެ.
އަދި މިގޮތަށް ހިޖުރަކުރާ ދޫނިތަކަކީ ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާ ބެހޭ ޤާނޫނުގެ ދަށުން ހަދާފައިވާ “ދިވެހިރާއްޖެއަށް ހިޖުރަކުރާ ދޫނި ހިފައި، ގެންގުޅުމާއިބެހޭ ގަވައިދު”ގެ ދަށުން ހިމާޔަތްކޮށްފައިވާ ދޫނިތަކެއްކަމަށެވެ.
އެހެންނަމަވެސް ކޮންމެ އަހަރަކު މިދުވަސްވަރު ވަރަށް ގިނަ ފަރާތްތަކުން މިފަދަ ދޫނި ހިފައި ހައްޔަރުކޮށް ގޯނާކުރަމުންދާތީ އެކަމާއި ކަންބޮޑުވާކަމަށް އީޕީއޭ ބުންޏެވެ. އަދި އެފަދަ ފަރާތްތަކާ މެދު ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް ވެސް ނޫސް ބަޔާނުގައި ބުނެފަވެ އެވެ.
އެފަދަ ފަރާތްތަކާ މެދު ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާ ބެހޭ ޤާނޫނުގެ ދަށުން ހަދާފައިވާ “ތިމާވެށްޓަށް ދޭ ގެއްލުންތަކަށް ޖޫރިމަނާ ކަނޑައެޅުމާއި ބަދަލު ހޯދުމުގެ ގަވައިދު” އާއި ދިވެހިރާއްޖެއަށް ހިޖުރަކުރާ ދޫނި ހިފައި ގެންގުޅުމާ ބެހޭ ގަވައިދުގެ ދަށުން ބޮޑެތި އަދަދުތަކުން ޖޫރިމަނާކުރެވޭނެކަމަށެވެ.
އެގޮތުން ގަވައިދުގެ ދަށުން މިފަދަ އަމަލުކުރާ ފަރާތްތައް 501 ރުފިޔާ އާއި 50،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެެވޭނެއެވެ. އަދި އެކަންތައް ތަކުރާކުރާ ކޮންމެ ފަހަރަކު، އެންމެ ފަހުން ޖޫރިމަނާ ކުރި އަދަދަށް އެއްހާސް ރުފިޔާ ޖޫރިމަނާގެގޮތުގައި އިތުރުކުރެވޭނެކަމަށްވެސް މިގަވައިދުގައި ބުނެއެވެ.
ދޫނިތައް ހިޖްރަކުރާ ދުވަސްވަރު ކުޅުދުއްފުށީގެ ދެ ކުޅިއަށް ގިނަ އަދަދެއްގެ ދޫނި ޒިޔާރަތް ކުރެ އެވެ. އެހެންނަމަވެސް ދާ ޖަހައިގެންނާ ތަފާތު އެކި ވަސީލަތްތައް ބޭނުންކޮށްގެން އެތަނަށް އަންނަ ދޫނިތައް ހިފައި ވިޔަފާރީގެ އުސޫލުން ވިއްކާ ހަދަ އެވެ.