“ވަލްނެރަބިލިޓީ އެންޑް ކެޕޭސިޓީ އެސެސްމެންޓް” ގެ ނަމުގައި ކުޅުދުއްފުށީގެ ނާޒުކު އަދި ގާބިލް ކަންތައްތައް ދެނެގަތުމަށް ސާވޭ ޕްރޮގުރާމެއް ފަށައިފިއެވެ.
މޯލްޑިވެސް ރެޑްކްރެސެންޓްގެ ފަރާތުން ކުރިޔަށް ގެންދާ މި ސާވޭ ޕްރޮގުރާމަކީ ރަށުގައިވާ ނާޒުކު އަދި ގާބިލް ކަންތައްތައް ދެނެގަނެ ރަށުގެ ހާލަތު ރަނގަޅު ކުރުމަށް ހިންގިދާނެ ޕްރޮޖެކްޓްތަކު ޑިޒައިންކޮށް ރާވާ އެކަމުގެ މައުލޫމާތަު ހިއްސާކޮށް އެކަމަށް ބާރުއެޅުވުމުގެ މަގުސަދުގައި ކުރިޔަށްދާ ކަމެކެވެ.
މި ސާވޭގައި އެކި ކޮމިއުނިޓީތަކާއި މުއައްސަސާތަކުގެ އިތުރުން ގޭގެއަށް ގޮސްގެންވެސް ސާވޭ ކުރެވިފައިވާނޭ ކަމަށް ރެޑްކްރެސެންޓް އިން ބުނެއެވެ. އެގޮތުން ރަށުގެ 15 އިންސައްތަ ގެ ސާވޭގެ ދަށުން ބަލާފައިވާނެ ކަމަށް އެފަރާތުން ބުނެއެެވެ.
ކުޅުދުއްފުށީ އޮންލައިނަށް މައުލޫމާތު ދެއްވަމުން ރެޑް ކްރެސެންޓްގެ ހދ އަތޮޅު ކޯޑިނޭޓަރ އާތިފާ އަލީ ވިދާޅުވީ މި ސާވޭ ވަނީ މިދިޔަ އަހަރުގެ މެއި 24 ފަށާފައި އެވެ. ނަމަވެސް ޖޫން މަހުގެ 3 ވަނަ ދުވަހު މަސައްކަތް ހުއްޓުމަކަށް އައި ފަހުން މި އަހަރުގެ ޖެނުއަރީ މަހު 1 ގައި އަނެއްކާ ވަނީ ފަށާފައި ކަމަށާއި ފެބްރުއަރީ މަހުގެ ނިޔަލަށް ސާވޭ ނިންމާލެވޭތޯ މަސައްކަތް ކުރަމުން ދާ ކަމަށެވެ. އަދި މި ސާވޭގެ ރިޕޯރޓާއި މައުލޫމާތު އާންމު ކުރެވިގެންދާނެ ކަމަށް އާތިފާ ވިދާޅުވިއެވެ.
އަދި މިކަމަށް ރައްޔިތުންގެ ފަރާތުންނާއި މުވައްސަސާތަކުން ދެއްވާ އެއްބާރުލުން ފާހަގަކޮށް އެފަރާތްތަކަށް އޭނާ ޝުކުރު އަދާކުރެއްވި އެވެ.