މިހާރުގެ ރާއްޖެތެރޭ 7 ރަށެއްގެ މަގު ހެދުމުގެ މަސައްކަތް ކުރިއަށް ދާކަމަށް ރާއީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.
ރައީސް ޔާމިން މިހެން ވިދާޅުވީ މިއަދު ދަރުބާރުގޭގައި ކުރިއަށް ގެންދިޔަ ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި އެ މަނިކުފާނުގެ ތިން ވަނަ ރިޔާސީ ބަޔާނުގައި އެވެ.
ރައީސް ޔާމިން ވިދާޅުވީ މި އަހަރަކީ މިދިޔަ އަހަރާށް ވުރެ ގިނަ ބޭނުންތެރި މަޝްރޫއުތަކެއް ހިންގާނެ އަހަރެއް ކަމަށާއި އެގޮތުން މިއަހަރު އިގްތިސާދީ ދުވެލި 6.4 ޕަސެންޓަށް ކުރިއަރާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
މިދިޔަ އަހަރު ގިނަ މަޝްރޫއުތަކެއް ފެށިފައިވާނެ ކަމަށާއި އެގޮތުން ޓޫރިޒަމްގެ ދާއިރާ އިން ފާހަގަކުރެވޭ ކާމިޔާބީތަކެއް ހާސިލްކުރެވިފައިވާކަމަށްވެސް ރައީސް ޔާމިން ވިދާޅުވި އެވެ. އެގޮތުން މިދިޔަ އަހަރު 1000 އެނދު އިތުރުކުރެވިފައިވާ އިރު މިއަހަރު އިތުރު ރިސޯޓް އުފެއްދުމަށް ފަޅުތައް ހިއްކުމަށް ބޭނުންވާ ޑްރެޖަރު ގެންނަން މިހާރު ވާނީ ފައިސާ ދައްކާފަކަމަށް ވެސް ރައީސް ޔާމިން ވިދާޅުވި އެވެ.
އޭގެ އިތުރުން ރައީސް ވިދާޅުވީ ތޭރަ ރަށެއްގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް މިދިޔަ އަހަރު ނިމިފައިވާއިރު މިހާރުވެސް ހިއްކާފައިވާ ހަތް ރަށެއްގެ ގަޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް ކުރިއަށް ދާކަމަށާއި އަދި އިތުރު ރަށްތަކުގެ ބަނދަރު ހެދުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށެވެ.
އަދި ޒުވާނުން ބާރުވެރިކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން ދާކަމަށާއި ޒުވާނުންނަށް ވަޒީފާ އާއި ތަމްރީން ދިނުމުގެ މަސައްކަތްތައް ދަނީ ކުރެވެމުން ކަމަށް ރައީސް ވިދާޅުވި އެވެ. އެގޮތުން ޒުވާން މަސްވެރިންނާއި އޮޑިވެރިން އުފެއްދުމުގައި އެހީތެރިކަން ފޯރުކޮށްދީ ލޯނު ވެސް ދަނީ ދެމުން ކަމަށާއި މިހާތަނަށް 84 ފަރާތަކަށް ދަނޑުވެރިކަމުގެ ގޮތުން ލޯން ދޫކޮށްފައި ވާއިރު ޒުވާން ވިޔަފާރިވެރިން އުފެއްދުމަށް ވެސް މިހާރު ވަނީ ލޯން ސްކީމެއް ފެށިފަކަމަށް ރައީސް ވިދާޅުވި އެވެ. އެގޮތުން ދަނޑުވެރިންނަށްވެސް އިންޝުއަރެންސް ސްކީމެއް ފެށިފައި ކަމަށް ވިދާޅުވި އެވެ.
އޭގެ އިތުރުން ޕްރީ ސްކޫލްތައް ސަރުކާރުގެ ބެލުމުގެ ދަށަށް ގެނެސް މިހާރު ވަނީ ތައުލީމީ އިތުރު ދެ އަހަރު ސަރުކާރުގެ ހަރަދުގައި ކިޔަވައިދޭން ނިންމާފައިކަމަށާއި އެހެންކަމުން 14 އަހަރު ސަރުކާރުގެ އެހީގައި ކިޔަވައިދޭ މި ސަރަހައްދުގެ ހަމައެކަނި ގައުމަކީ ރާއްޖެކަމަށް ރައީސް ވިދާޅުވި އެވެ.
މީގެ އިތުރުންވެސް މިއަހަރުގެ ކުރިއަށް ދާނެ މަޝްރޫއުތަކާއި މިދިޔަ އަހަރު ފެށި އަދި ނިމިފައިވާ މަޝްރޫއުތަކުގެ ތަފްސީލް މި ބަޔާނުގައު ރައީސް ޔާމިން ވަނީ ދެއްވާފަ އެވެ.