ހދ ކުނބުރުދޫން މިމަހު އެއްވަނަ ދުވަހު ފޮރުވާފައި ހުއްޓާ ފެނުނު ވަޒަން ތަކަކީ 2014 ވަނަ އަހަރުގެ ކުރީކޮޅުގައި ބޭރުގެ އަސްކަރިއްޔާ އަކާއި އެމްއެންޑީއެފްއާ ގުޅިގެން އެރަށުގައި ހިންގުނު އަސްކަރީ ތަމްރީން ތަކެއްގައި ބޭނުންކުރެވުނު ވަޒަންތަކެއް ކަމަށް ޑިފެންސް މިނިސްޓްރީ ބުނެފި އެވެ.
ތަމްރީން ތަކަށްފަހު ވަޒަންތައް ބެހެއްޓުނު ސަބަބު މިހާރު ބަލަމުން އަންނަ ކަމަށް އެ މިނިސްޓްރީން ބުންޏެވެ. މިނިސްޓްރީ ބުނީ ކުނބުރުދޫން ފެނިފައިވަނީ އަސްކަރީ ތަމްރީންތަކުގައި ބޭނުންކުރާ ނޮން ލީތަލް “ސިމިއުނިޝަން ރައުންޑްސް” ތަކެއް ކަމަށެވެ.
2011 ވަނަ އަހަރު ފަޅުރަށެއްގެ ގޮތުގައި ކަނޑައަޅާފައިވާ ކުނބުރުދޫގައި ހުރި މިސްކިތެއްގެ ވަޅެއްގެ ތެެރޭގައި ފޮރުވާފައިވާ ހުރި ވަޒަންތަކެއް ފެނިފައިވަނީ އެރަށަށް ދަތުރުގޮސް އުޅުނު ނޮޅިވަރަމް ކުދިން ތަކަކަށެވެ
އެކަމާ ގުޅިގެން ޑިފެންސުން ނެރުނު ނޫސްބަޔާންގައި ބުނެފައިވަނީ ސިފައިންގެ އާމަރީ އާއި ހަތިޔާރާ ގުޅޭ އެންމެހާ ކަންކަން ކުރިއަށްވުރެ މިހާރު ހަރުދަނާކުރެވިފައިވާ ކަމަށާއި ރައްޔިތުންނާއި ގައުމުގެ ސަލާމަތަށް ނުރައްކާވާ ފަދަ އެއްވެސް ހާލަތެއް މިހާރު ނެތް ކަމަށް މިނިސްޓްރީ ބުންޏެވެ.
ޑިފެންސް މިނިސްޓްރީ އިން އިތުރަށް ބުނެފައި ވަނީ މާކުރިން ހިނގައިފައިވާ ކަންކަމުގެ ހަބަރުތަކާއި ފޮޓޯތައް ޝާއިއުކޮށް އެތަކެއްޗަކީ އާމަރީ އިން ގެއްލިފައި ހުރި ތަކެތި ކަމަށްބުނެ ރައްޔިތުން ހިތުގައި ބިރުވެރިކަން އުފެދޭ ގޮތައް ބައެއް މީޑީއާތަކުގައި ވާހަކަ ފަތުރާތީ މިނިސްޓްރީ އިން ހިތާމަ ކުރާ ކަމަށެވެ.