2014 ވަނަ އަހަރާ އަޅާބަލާއިރު މިދިޔަ ފަހަރުގެ އޯލެވެލް އިމްތިހާނުގައި ހދ އަތޮޅު މަދަރުސާއިން 36 އިންސައްތައިގެ ކުރިއެރުމެއް ލިބިއްޖެ އެވެ.
ވައިކަރަދޫގައި ހުންނަ ހދ އަތޮޅު މަދަރުސާގެ މިދިޔަ އޯލެވެލް އިމްތިހާނުގައި 17 ދަރިވަރަކު ބައިވެރިވިއިރު އެ ދަރިވަރުންގެ ތެރެއިން 5 މާއްދާއިން 64.7 އިންސައްތަ ދަރިވަރުން ވަނީ ފާސްވެފައިވެ އެވެ. އެއީ 2014 އަހަރަށްވުރެ 36 އިންސައިތައިގެ ކުރިއެރުމެކެވެ. 2014 ވަނަ އަހަރު 5 މާއްދާއިން ފާސްވެފައިވަނީ 29 އިންސައްތަ ދަރިވަރުންނެވެ. އަދި 2013 ވަނަ އަހަރު ފާސްވެފައިވަނީ 50 އިންސައްތަ ދަރިވަރުންނެވެ.
މިދިޔަ އަހަރުގެ ނަތީޖާ ދައްކާ ގޮތުން ކެމިސްޓްރީ، ޕިޒިކްސް، އިސްލާމް ވަނީ ގިނަ ދަރިވަރުން ރަނގަޅު ކާމިޔާބީއެއް ހޯދާފަ އެވެ. އެގޮތުން މި 3 މާއްދާއިން 2015 ވަނަ އަހަރު ވަނީ ފާސްވި އިންސައްތަ 100 ޕަސެންޓް ހޯދާފަ އެވެ.
މިދިޔަ އަހަރު އަލަށް އެ ސްކޫލްގައި ފަށާފައިވާ ދަސްވާރު ޕްރޮގްރާމުން ވެސް ވަނީ ދަރިވަރުން ފާސްވި އިންސައްތަ 100 އަށް އަރާފަ އެވެ.
ބިޒްނަސް ސްޓްރީމްގެ މާއްދާތަކަށް ބަލާލާއިރު އެކައުންޓުން 67 ޕަސެންޓް ދަރިވަރުން ފާސްވެފައިވާއިރު، ކޮމާރސް އިން ފާސްވެފައިވަނީ 63 ދަރިވަރުންނެވެ. އަދި ބިޒްނަސް އިން ފާސްވެފައިވަނީ 50 ޕަސެންޓް ދަރިވަރުން ނެވެ.
ދަރިވަރުން މާއްދާތަކުން ހޯދާފައިވާ ގްރޭޑް ތަކަށް ބަލާއިރު އެކި މާއްދާތަކުން 14 ދަރިވަަރަކު ވަނީ އޭ ހޯދާފައެވެ. އަދި އެކި މާއްދާތަކުން 35 ދަރިވަރުން ބީ ހޯދާފައިވާއިރު ސީ ހޯދާފައިވަނީ 34 ދަރިވަރުން ނެވެ. އަދި އޯލެވެލް އިމްތިހާނުގައި 1 ދަރިވަރަކު ވަނީ 8 މާއްދާއިން އޭ ހޯދައިގެން ނޭޝަނަލް ޓޮޕް ޓެންގައި ހިމެނިފަ އެވެ.